ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله މުޙައްމަދު ޖުވާ ކުޅުމުން ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ތުހުމަތުކުރެއްވި ނަމަވެސް، އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފެށިކަން ހާމަކުރީ މިދިޔަ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހެވެ.
ނަމަވެސް، މި މައްސަލައިގެ އިތުރު ތަފުސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރު ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ޤާނޫނޫލްޢުޤޫބާތަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން، ޢަބްދުالله ޖުވާ ކުޅުނު ކަމަށް ޒިޔާދު ވަނީ ތުހުމަތުކުރައްވާފައެވެ.

މެންބަރު ފިއްޓޭ: އޭނާ ވަނީ ޢަބްދުالله ޖުވާ ކުޅުއްވި ކަމަށް ތުހުމަތުކުރައްވައިފަ -- ފޮޓޯ/ މަޖިލީސް
"އަޅުގަނޑު މި ދަންނަވަނީ މިސާލާ އެކު، ހަމަ މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެން ބެލި އެއް މައްސަލައެއްގައި އަޅުގަނޑު އަޑުއެހިން ހަމަ ގައިމު ވެސް ބުނާތީ، 250،000 ޑޮލަރެއްގެ ވާހަކަ. އެ ކުންފުނި ހަވާލުވެ ހުރި އެމްޑީ، އާޚިރުގައި ކަންވީ ގޮތަކީ ހަމަ ކިރާ ބެޓަށް އަޅާލާ ކުޅެލީ ކަމަށް ވަނީ، އެ ފައިސާއެއް ނެތް،" ޒިޔާދު ވިދާޅުވިއެވެ.
އޭނާ ވަނީ ޤާނޫނުލްޢުޤޫބާތަށް ގެންނަ އިސްލާހު ފާސްވެއްޖެ ނަމަ ޢަބްދުالله އަށް ކުރާ ތުހުމަތުތައް ބަލާނެތޯއާއި އެ މައްސަލަ ބެލޭނެތޯ ވެސް ސުވާލުކުރައްވައިފައެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ޢަބްދުالله ވިދާޅުވީ، ޖުވާ ކުޅުމާއި ބެޓުކުރުން ފަދަ އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޒިޔާދު ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމަކީ އަބުރު ކަތިލުމަށް ލިބޭ ފުރުސަތެއް ނޫން ކަމަށެވެ.
މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނުކަން ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އޮކްޓޯބަރު 2024ގައި ދެއްކި ފައިސާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ވެސް ފުލުހުން ތަހުގީގުކުރަން ފެށިއެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފެންމަތިވުމާ އެކު އެކަން ބަލަން ފެށިއެވެ.
އޭގެ ތެރޭގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް, މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުން ވެސް "ވައްކަން"ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހިމެނެއެވެ.