ޑުރަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން, ދިވެހި ފިރިހެނުންތަކަކާއެކު ހައްޔަރުކުރި ނޭޕާލް އަންހެން މީހާގެ ބަންދުގެ މުއްދަތަށް މިއަދު އިތުރު 30 ދުވަސް ޖަހައިފިއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު, ނިޝާ ރާއި, 21, ހައްޔަރު ކުރީ, އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ. އެ ގެއިން، މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި އޭނާގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރިއެވެ. އެގޮތުން ފުރަތަމަ ދެ ފަހަރު ބަންދުކުރީ އެއް ދުވަހަަށް ނަމަވެސް ފަހުން ފަސް ދުވަސް ޖެހިއެވެ.
އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
އެ އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް އެކަށިގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އަދި އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، 230 ގުރާމް ކެނަބިސްއާއި 141 ގުރާމް ހެރޮއިން ފެނުނު ކަމަށް އަމުރުގައިވެއެވެ.
އޭނާއަށް ދައުލަތުން ވަކީލަކު އައްޔަނުކުރަން ފުރުސަތު ދިނުމުން، އޭނާ ބޭނުންވަނީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން ކަމަށް މީގެ ކުރިން ބަންދު މަޖިލީހުގައި ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް ވަކީލަކު އައްޔަންކޮށްފައިނުވާތީ، ދައުލަތުގެ ވަކީލަކު އައްޔަންކުރުމަށް މިއަދުގެ ބަންދުގެ މަޖިލީހުގައި އަންހެން މީހާ އެދިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ނިޝާ ރާއީގެ ބަންދު ޖަހަން ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ދުވަހު، އޭނާއަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ:
- ޙަސަން އަނަސް, 22އ،
- މޫސާ ޝަހީމް, 22އ،
- ޙުސައިން ޝަރުވާން, 25އ،
އޭގެ ތެރެއިން މޫސާ ޝަހީމާއި ޙުސައިން ޝަރުވާންގެ ބަންދަށް މިދިޔަ މަހުގެ 23ގައި ވަނީ 16 ދުވަސް ޖަހައިފައެވެ. އަދި ޙަސަން އަނަސްގެ ބަންދަށް، މިދިޔަ ހުކުރު ދުވަހު ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. އެހެންކަމުން، އެ މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް މިހާރު ވެސް ތިބީ ބަންދުގައެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަކަން އިދާރާތަކުން ފާހަގަކުރެއެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވައިދާ ޚިލާފަށް އުޅޭ މީހުން ގަވައިދަށް ފެއްތުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.