ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑު އެހުމެއް މާދަމާ

ޔާމީން ރަޝީދުއަށް ހަމަލާދިން ގޭ ސިޑިކައިރީގައި އެކަމުގައި ހަރަކާތްތެރިވި ކަމަށް ބެލެވޭ މީހަކު މަޑުކޮށްލައިގެން ---

ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތުގެ އިތުރު އަޑު އެހުމެއް، ހަ މަސް ފަހުން އަނެއްކާ ވެސް ތާވަލުކޮށްފިއެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ތޫނު އެއްޗެހިން އޭނާއަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މައްސަލައިގައި ޖަނަވަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ.

https://sun.mv/218001

ހައިޝަމާއި ޒިހާންގެ މައްސަލަ އެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ އެ މައްސަލައިގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.

ހައިކޯޓުން ޑިސެންބަރު 31ގައި ކުރި އެ ހުކުމާއެކު ދެ މީހުން މިނިވަންކުރިއެވެ.

ނަމަވެސް ހަމަ އެ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިޝަމާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

އެ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ހައިޝަމާއި ޒިހާން މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ހައިކޯޓުގެ އެންގުމާ އެއްގޮތަށް، އެ މައްސަލަ އަލުން ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މައްސަލަ އަލުން ބަލަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.

ކްރިމިނަލް ކޯޓުގައި އާއްމުކޮށް ކޮންމެ މައްސަލައެއްވެސް ބަލަނީ ވަކިވަކި ފަނޑިޔާރުން އެކަންޏެވެ. އެކަމަކު މީގެ ކުރިންވެސް ބެންޗުން ބައެއް މައްސަލަ ބަލައިފައިވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަން ފެށި ބެންޗުގައި ހިމެނެނީ ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ.

ފެބްރުއަރީ މަހު، މައްސަލަ އަލުން ބަލަން ފެށުމަށް ފަހު، ހޮނިހިރު ދުވަހަށްވަނީ މައްސަލައިގެ ދެވަނަ އަޑު އެހުން ތާވަލުކޮށްފައެވެ. މި މައްސަލަ ކުރިއަށް ގެންދަނީ އޮންލައިންކޮށް ވަގުތުން ދައްކާ ގޮތަށެވެ.

ފުލުހުންނާއި, އެ މައްސަލަ ބެލި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.


comment ކޮމެންޓް