ޑުރަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން, ދިވެހި ފިރިހެނުންތަކަކާއެކު ހައްޔަރުކުރި ނޭޕާލް އަންހެން މީހާގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު, ނިޝާ ރާއި, 21, ހައްޔަރު ކުރީ, އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ. އަދި މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން--
މި މައްސަލާގައި ނޭޕާލް އަންހެންމީހާއަށް ދިން އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ އިތުރު 10 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައެވެ.
އަމުރުގައި ބުނެފައިވާ ގޮތުން މީނާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ބަހައްޓާފައި ހުރީ ހާމައަށެވެ. އެ ތަކެތި ހުރިގޮތަށާއި މަސްތުވާތަކެތި ކިރުމަށާއި ބަންދު ކުރުމަށް ބޭނުންކުރާ އާލާތްތައް ހާމައަށް ފެންނަން ހުރުމުން, އޭނާ މަސްތުވާތަކެތި ވިއްކައި, ވިޔަފާރި ކުރުމުގައި ޝާމިލްވާ މީހެއް ކަމަށް ބެލެވޭ ހެކިތަކެއް އެބަހުރި ކަމަށް އަމުރުގައިވެއެވެ.
މި މައްސަލައިގައި އިތުރު ތިން ދިވެހީން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ, ޙަސަން އަނަސް, 22, އާއި މޫސާ ޝަހީމް, 22, ގެ އިތުރުން ޙުސައިން ޝަރުވާން, 25, އެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރު ކޮށްފައެވެ.