ބިދޭސީންތަކަކާ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެއްސަކު 15 ދުވަހަށް ބަންދުކޮށްފި

ބިދޭސީ މަސައްކަތްތެރިންތަކެއް: ބިދޭސީންތަކަކާ މާރާމާރީ ހިންގި ދިވެއްސަކު ވަނީ 15 ދުވަހަށް ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީންތަކަކާ މާރާމާރީ ހިންގުމުގެ ތުހުމަތުގައި ދިވެއްސަކު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބަންދު އަމުރު ނެރެފައިވަނީ، މާލެއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނަކާ ގުޅޭ ގޮތުންނެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ، މިދިޔަ ހޯމަ ދުވަހު މަގުމަތީގައި ބައެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކަމަށެވެ.

އެ މީހާގެ ކޯޓު އަމުރުގައި ވަނީ އޭނާ ބިދޭސީންތަކަކާ މާރާމާރީ ހިންގި ކަމަށާއި އޭނާއަކީ ހައްޔަރާއި ބަންދު ރެކޯޑް އޮތް މީހެއް ކަމަށެވެ. އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ ރިޕޯޓާއި އަނިޔާ ލިބުނު ތިން މީހެއްގެ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެ މައްސަލައިގައި ދިވެހި މީހާގެ މައްޗަށް ކޮށްފައިވާ މާރާމާރީ ހިންގުމުގެ ތުހުމަތަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައި ބަންދުގައި ބެހެއްޓުމަށް ނިންމީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ރާއްޖޭގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށްވާއިރު، ބިދޭސީންނަށް އިހާނާތްތެރިކޮށް ހިތުމާއި، ބައެއް ފަހަރު ޖިސްމާނީ އަނިޔާތައް ދިނުމުގެ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވެއެވެ.

comment ކޮމެންޓް