ހުކުރު ދުވަސް، މި އުންމަތަށް ޚާއްޞަ ދުވަސް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު އިމާމްވެ އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާައި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދިޔަ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހުކުރު ދުވަހަކީ މި އުންމަތުގެ މީހުންނަށް ޓަކައި މާތްކުރައްވައި މުޤައްދަސްކުރައްވައިފައި އޮތް ދުވަހެކެވެ. މީގެ ކުރީގެ އުންމަތްތަކަށް ވަނީ އެހެން ދުވަސްތަކެއް މާތްކޮށްދެއްވައިފައެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ހުކުރު ދުވަހުގެ މާތްކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން ވާނެއެވެ.

އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީގެ ކުރީގެ އުންމަތްތަކަށް ހުކުރުދުވަހުގެ ބަރަކާތްތެރިކަމެއް ނުދެއްވައެވެ. ޔަހޫދީންނަށް ދެއްވީ ހޮނިހިރު ދުވަހެވެ. ނަޞާރާއިން އާދީއްތަ ދުވަހެވެ. މި އުންމަތުގެ މީހުންނަށް، ﷲ ހުކުރުދުވަހަށް މަގުދައްކަވައި ހިދާޔަތްކުރުވިއެވެ. އަދި ދުވަސްތަކުގެ ތަރުތީބު، ﷲ ލެއްވެވީ ހުކުރު، ހޮނިހިރު، އާދީއްތަ ކަމުގައެވެ. މި ތަރުތީބުން މި އުންމަތް ޤިޔާމަތްދުވަހުން އަންނަހުށީ އެންމެ ކުރިޔަށެވެ." (މުސްލިމް 856)

މި ޙަދީޘުން އެނގެނީ ފޮޔުގެ އަހުލުވެރީންނަށް މުޤައްދަސް ދުވަހެއް ލެއްވި ކަމެވެ. އަދި މިއުންމަތުގެ މީހުންނަށް ހުކުރު ދުވަސް މުޤައްދަސްކުރެއްވި ކަމެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ދުވަހެއްގެ މައްޗައް އިރުއެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެއްވީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވީ ހުކުރުދުވަހެއްގައެވެ. ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތްނުވާ ހުއްޓެވެ." (މުސްލިމް 854).

ހުކުރު ދުވަހަކީ މުޤައްދަސް ދުވަހަކަށް ވީތީ އަޅުގަނޑުމެން މުސްލިމުން އެ ދުވަހުގެ މުޤައްދަސްކަން އެ ގޮތުގައި ލިބިގަންނަންވާނެވެ. އެހެން ދުވަސްތަކަށްވުރެ ބޮޑަށް އަޅުކަމުގައި ހީވާގިވާން ވާނެއެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމާ އެކު ހުކުރުދުވަސް ފެށުނީއެވެ. ދުވަހުގެ މާތްކަން ފެށެއެވެ. ހުކުރު ދުވަހު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަކީ ހަފުތާގެ ތެރޭގައި ކުރާ ހުރިހާ ނަމާދެއްގެ މައްޗަށް މާތްވެގެންވާ ނަމާދެކެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ހުކުރު ދުވަހު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދެވެ." (އަލްބައިހަޤީ)

ހުކުރު ދުވަހަކީ މުސްލިމުންނަށް އަންނަ ޢީދެއްފަދަ ދުވަހެކެވެ. އެއީ ހަފްތާގެ ޢިދެވެ. މި ދުވަހުގެ މާތް އެއް ކަމަކީ ހުކުރު ނަމާދެވެ. ބަލިކަމެއް ނުޖެހި ކެރިކުޅަދާނަވެގެންވާ ހާލުގައި ބުއްދި ސަލާމަތުންހުރި، މިނިވަން ކޮންމެ ފިރިހެނެއްގެ މައްޗަށް ފިރިހެނެއްގެ މައްޗަށް ހުކުރުނަމާދު ފަރުޟުވެގެން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ﴾‏ (الجمعة: ٩)‏ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! (ޖުމްޢަ). އަންހެނުން ހުކުރު ނަމާދުގައި ބައިވެރިވުން ސުންނަތްވެގެން ވެއެވެ.

ހުކުރު ދުވަހުގެ މާތްކަން އެނގޭ އަނެއް ކަމަކީ އެ ދުވަހު ނުވަތަ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާނެ ކަމުގެ އުންމީދު އޮތުމެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރިގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކަށްވަޅުގެ އަޒާބުން ސަލާމަތް ކުރައްވައެވެ." (ތިރްމިޛީ)

ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ލިބިގަތުމަށް އަވަސްވާ ބަޔަކު ކަމުގައި އަޅަމެން ވަމާ ހިނގާށެވެ! މި ދުވަހަކީ އަޅުގަނޑުމެންނަށް ޓަކައި، މާތް ﷲ މުޤައްދަސް ކުރައްވައިފައި އޮތް ދުވަހެކެވެ. ހުކުރު ދުވަސް، މި އުންމަތައް ޚާއްޞަ ދުވަހެކެވެ.

comment ކޮމެންޓް