އިބްރާހީމުގެފާނާ ބައްދަލުވި މާލާއިކަތުން

އިބްރާހީމުގެފާނާ މަލާއިކަތުންގެ ޖަމާޢަތަކާ ބައްދަލުވިއެވެ. އެއީ މަލާއިކަތުންކަން އެކަލޭގެފާނަށް ފުރަތަމަ އެނގިވަޑައެއް ނުގެންނެވިއެވެ. މަލާއިކަތުން ތިއްބެވީ އިންސާނުންގެ ސޫރައިގައެވެ.

މަލާއިކަތުން އިންސާނުންގެ ސޫރައިގައި ނަބީބޭކަލުންގެ ގާތަށް ވަޑައިގަންނަވާ ކަމީ، އެ ކަމުގައި އެއްވެސް ޚިލާފެއް އޮތް ވާހަކައެއް ނޫނެވެ. އެ ނޫން ބޭކަލުންގެ އަރިހަށް ވެސް މަލާއިކަތުން ވަޑައިގަންނަވާ ވަހަކައަކީ މަޝްހޫރު ވާހަކަތަކެކެވެ. އިންސާނުންގެ ސޫރައިގައި މަލާއިކަތުން މި ޒަމާނުގައި ވެސް ދުނިގޭގެ އެކި ކަންކަމުގައި އުޅުއްވުން އެއީ ނުވާނެ ކަމެއް ނޫނެވެ. ﷲގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް މަލާއިކަތުން އަބަދުވެސް ތިއްބަވަނީ ތައްޔާރަށެވެ. އެ ގޮތުން އެއިލާހުގެ އަމުރުފުޅެއް ތަންފީޒުކުރައްވަން ދުނިޔޭގެ ބިމަށް މަލާއިކަތުން ފައިބައިވަޑައިގެންނެވި، އެއް ފަހަރަކީ ލޫޠުގެފާނުންގެ ޤައުމު ސަދޫމު ބަންޑުންޖައްސަވަން ވަޑައިގެންނެވި ފަހަރެވެ. އެ ޤައުމަށް ޙައްޤުވި ކޯފާއާއިގެން ވަޑައިގެންނެވި ފަހަރެވެ.

ލޫޠުގެފާނުންގެ ޤައުމު ސަދޫމަށް ވަޑައިގެންނެވުމުގެ ކުރިން އެ މަލާއިކަތުން އިބާރާހީމުގެފާނު އަރިހުގައި މަޑުކުރެއްވިއެވެ. އެކަލޭގެފާނުގެ މެހެމާނުންގެ ގޮތުގައެވެ. މި ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا قَالَ سَلَامٌ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ﴾‏ ‎)هود: ٦٩( މާނައީ: "އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ."

އެ މެހެމާނުން ވަޑައިގަތުމާ އެކު އިބްރާހީމުގެފާނުން މެހެމާނުދާރީ އަދާކުރެއްވުމަށް ލަސްވެވަޑައިނުގަންނަވައެވެ. ވީ އެންމެ އަވަހަކަށް ފަރީއްކޮޅެއް ތައްޔާރުކުރެއްވުމަށް ޅަ ގެރިއެއް ކަތިލެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ﴾ (الذاريات: ٢٦)‏ މާނައީ: "ފަހެ، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި އެކަލޭގެފާނު ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަ ގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ." މި ފަރީއްކޮޅަށް އެ މެހެމާނުންކުރެ އެއްވެސް ބޭފުޅަކު އިޖާބައެއް ނުދެއްވިއެވެ. އެ ބޭފުޅުންގެ ކައިރީގައި ބެހެއްޓި ކާތަކެއްޗަށް ކުޑަ ވެސް ސަމާލުކަމެއް ދެއްވާތަން އެކަލޭގެފާނަށް ފެނިވަޑައެއް ނުގެންނެވިއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދެން އެ މެހުމާނުންނާ އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނަންހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެބައިމީހުންނާމެދު ބިރުވެރިކަމެއް ވަދެއްޖެއެވެ." (އައްޒާރިޔާތް: 27-28)

އިބްރާހީމުގެފާނުގެ މެހެމާނުން ކާނާއާ ދުރުގައި ތިއްބެވީތީ އެކަމާ ބިރުފުޅުވެ ވަޑައިގެންނެވުމުން، އެ މެހެމާނުން ވިދާޅުވި ބަސްފުޅު މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ގެންނަވައިފައި ވެއެވެ. "އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ ލޫޠުގެފާނުގެ ޤައުމަށެވެ." (ހޫދު: 70) މި ހިސާބުން އިބްރާހީމުގެފާނަށް އެނގިވަޑައިގެންނެވީ އަރިހުގައި މި ތިއްބެވީ އިންސާނުން ނޫން ކަމާއި މިއީ ﷲ ފޮނުއްވެވި މަލާއިކަތުން ކަމެވެ.

ލޫޠުގެފާނުންގެ ޤައުމުގެ މީހުން ހަލާކުކުރައްވަން ފޮނުއްވެވި މަލާއިކަތުން އިބްރާހީމުގެފާނާ ބައްދަލުކުރައްވަން މަޑުކުރެއްވި މަޑުކުރެއްވުމުގައި އިބްރާހީމުގެފާނަށް އުފާވެރިކަމުގެ ޚަބަރެއް ވެސް ދެއްވެވިއެވެ. އެއީ އެކަލޭގެފާނުގެ ބުރިކަށިފުޅުން ދަރިފަސްކޮޅެއް އިތުރުކުރައްވަން ﷲ އިރާދަކުރެއްވި ކަމުގެ އުފާވެރި ޚަބަރެވެ. އާދެ! ސާރާގެފާނު މެދުވެރިކުރައްވައި އިސްޙާޤުގެފާނު ދެއްވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އަދި އިސްޙާޤުގެފާނަށް ޔަޢުޤޫބުގެފާނުން ދެއްވާނެ ކަމުގެ ޚަބަރެވެ.

އިބްރާހީމުގެފާނާ ބައްދަލުކުރެއްވި މަލާއިކަތުންނަށް މެހެމާންދާރީ އަދާކުރެއްވީ މަލާއިކަތުންކަން އެނގިވަޑައިގެންނެއް ނޫނެވެ. މެހެމާނުންނަށް ޚިދުމަތްކުރެއްވުމަކީ ނަފުސަށް ހިތްހަމަޖެހުން ގެނުވާ ކަމަކަށް ވީތީ އެކަލޭގެފާނު ކުރެއްވި ކަމެކެވެ.

މެހެމާންދާރީ އަދާކުރުމަކީ އެ ކަމުގެ ސަބަބުން ގޭގޭގައި ރޯދި ބަރަކާތް އިތުރުވާ ކަމެކެވެ. އަޅުގަނޑުމެން ދިވެހިންގެ ޒަމާންވީ ތާރީޚަކީ ވެސް މެހެމާނުންނަށް ޚިދުމަތްތެރިވުމުގެ ތާރީޚެކެވެ. މެހެމާނުންނަށް ޚިދުމަތްތެރިވުމަކީ ނަފުސުގެ ހަމަޖެހުން ގެނުވާ ކަމެކެވެ. ނަފުސާނީ ބަލިމަޑުކަމާ ދުރުކުރުވާ ވެސް ކަމެކެވެ.

comment ކޮމެންޓް