ރޯދަމަހަށް ހަނދުފެނުމަކީ، ދިރިއުޅުމަށް ކުއްލި ބަދަލެއް ގެނުވާ ކަމެއް ކަމުގައި އޮންނަނީ ވެފައެވެ. ދުވަލު ކެއުން ހުއްޓައިލާ ރޯދައަށް ހުރުމެވެ. ނަމާދު ވަގުތުތައް ތަރުތީބުކޮށްލުމެވެ. އަޅުކަމުގެ ތާވަލެއް (ހިތުގައި ނަމަވެސް) ރާވައިލެވުމެވެ. ޤުރުއާން ކިޔެވުމަށް ފަށައިގަތުމެވެ. ޞަދަޤާތްކުރާނެ ހިތްވަރު އާކުރުމެވެ.
ރަމަޟާންމަހާ ގުޅިގެން އަޅުކަމަށް ހީވާގިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެނަސް މިހެން އަންނަ ކުއްލި ބަދަލު ގިނަ ފަހަރު އޮންނަނީ ބޭރު ދުއްޔަށް އަރާ ރީތި ކުލައަކަށް ވެފައެވެ. އެތެރޭގެ ބަދަލެއް ކަމުގައި އެ ކަން ވަނީ ވަރަށް މަދުފަހަރެއްގައެވެ. ނަތީޖާއަކަށް ވަނީ ރޯދަމަސް ނިމުމުގެ ކުރިން ނުވަތަ ދެބައި ނުވަނީސް، މީހާގެ ކަންތައް ނިމި ހަސްފަސްނެތުމެވެ. އަޅުކަމައިގެން ހެލިގަތްގަތުން މަޑުޖެހެނީއެވެ. އިހު އުޅުނު ފަދައިން މިސްކިތާ ދުރުވެވެނީއެވެ. ޤުރުއާން ފޮތް އަނބުރާ ކަބަޑަށް ލަނީއެވެ. އަޅުކަމުގެ ތާވަލު ވެސް ބުރައަކަށް ވަނީއެވެ.
މި ދެންނެވި ބަދަލާއި އެ ބަދަލާ އެއްގޮތަށް ނުއުޅެވުން އެއީ އެއް ހަމައެއްގައި އެތައް އަހަރެއްވަންދެން ތަކުރާރުވަމުން އައި ކަމެއް ނޫންތޯއެވެ؟ މިހެން ވަނީ ޙަޤީޤީ މާނައިގައި ރަމަޟާންމަހަށް ތައްޔާރު ނުވެވޭތީކަމަށް ވެދާނެއެވެ. ރޯދަހިފުމަކީ ތަޤުވާވެރިކަން ހާސިލުކުރަން ކަނޑައެޅުއްވި އަޅުކަމަކަށް ވަންޏާ، އެ މަހަށް ތައްޔާރުވާން ވާނީ އެ ތަޤުވާވެރިކަން ހާސިލުކުރެވޭނެ ގޮތަށެވެ. ކެއިންބުއިމުން އެކަނި ދުރުވެ ހުންނަން ތައްޔާރުވެގެން އެ ކަން ހާސިލުނުވާނެއެވެ. ރޯދައިން ތަޤުވާވެރިކަން ލިބިގަންނަން އެދޭ މީހާ، ހަނދު ފެނުމުގެކުރިން، އަވަހަށް ތައްޔާރުވާށެވެ!
އެންމެ ފުރަތަމަ ކަމަކަށް ރޯދައިގެ މަޤްޞަދު ދެނެގަންނާށެވެ! ރޯދައިގެ މަޤްޞަދު ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ (البقرة: ١٨٣) މަނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށް ޓަކައެވެ." ރޯދައިން މި މަޤުޞަދު ހާސިލު ނުވާ ނަމަ، ކެއިންބުއިން ދޫކޮށްލައިގެން ހުރުމުގެ އޮތީ ކޮން ބޭނުމެއްބާއެވެ؟ އެއީ ބޭރުފުށުގެ ބަދަލެއް ނޫނެވެ. އެއީ ހިތުގައި އޮތް ތަޤުވާއަށް ގެންނަ ބަދަލެކެވެ.
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަޤުމާތްވި އިރުޝާދުގައި އޮންނަނީ ޢަމަލުތަކުގެ އަސްލު މަރުކަޒަކީ ހިތް ކަމުގައި ބަޔަންކުރައްވައިފައެވެ. ޢަމަލުތައް ބިނާވެގެން އަންނަނީ ނިޔަތުގެ މައްޗަށް ކަމުގައި ބަޔާންކޮށްދެއްވައިފައެވެ. އެހެންކަމުން ކޮންމެ އަހަރަކު ރަމަޟާންމަހުގެ ހަނދު ފެނުމާ އެކު އަޅުގަނޑުމެންގެ ޙަޔާތް ބޭރުފުށުން ބަދަލުކުރާ ކުރުމަށް ނިމުން ގެންނަން ޖެހެއެވެ. މީހާގެ ހިތާއި ރޫޙުން އުފެދިގެން އަންނަ ބަދަލަކަށް އެ ކަން ހަދަން ވެއްޖެއެވެ. ތިމާގެ އެތެރޭގައި އޮތް ނަފުސު ހޭލައްވަން ވެއްޖެއެވެ. އޭރުން އަޅުކަމާއި އިސްލާމީ ރިވެތި ދިރިއުޅުން އާދައަކަށް ވެދާނެއެވެ. އެހެން ނޫނީ ހަނދު އޮއްސޭއިރަށް ދީންވެރިކަން ފިލައިދާނެއެވެ.
ހަނދު ފެނުމުގެކުރިން، ރަމަޟާންމަހަށް ތިބާގެ ހިތް ތައްޔާރުކުރާށެވެ. ހިތުގައި ހުރި ދަމިލަތައް ފިލުވުމަށް ޓަކައި، ހަސަދައާއި ނޭއްގާނީކަން އެ ހިތުން ނެރެ އެއްލައިލާށެވެ. އޭގެ ބަދަލުގައި މަޢާފުކުރުމާއި ރުހުންދިނުމަށް އެ ހިތުން ޖާގަ ހޯދާށެވެ. ތިބާގެ ހިތަކީ އެހެން މީހުންގެ މައްޗަށް އޮންނަ ނަފުރަތުތަކުގެ ގުދަނެއް ކަމުގައި ހަދައިގެން، ފައިދާއެއް ނެތް އެފަދަ ތަކެތިން ހިތުގެ ޖާގަ ނުފުރާށެވެ. މި ދެންނެވި ނަޖިހުން ހިތް ޠާހިރުކޮށްގެން ނޫނީ އަޅުކަމުގެ އެދުންވެރިކަމަށް ހިތުން ޖާގަ ނުހޯދޭނެއެވެ. ހިތުގެ އެދުމެއް ނެތި ކުރާ ހަރަކާތްތަކަކަށް އަޅުކަމޭ ނުކިޔޭނެއެވެ. އަޅުކަމުގެ މަރުކަޒަކީ ހިތެވެ. ހިތުން އަޅުކަމަށް އެދުންވެރިވާ މިންވަރަކީ އެ މީހެއްގެ ތަޤުވާވެރިކަން މިންކުރެވޭނެ ތަރާދެވެ.
ހަނދު ފެނުމުގެކުރިން، ރަމަޟާންމަހަށް ތައްޔާރުވުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ހުރިހާ ކިޔުންތެރިންނަށާއި އާންމުކޮށް ހުރިހާ މުސްލިމުންނަށް ވެސް އިލްތިމާސްކުރަމެވެ. މިފަދަ މާތް ދުވަސްތައް އަޅުގަނޑުމެންނާ ބައްދަލުވަނީ ﷲގެ ފަޟުލަވަންތަވެރިކަން އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވީމައެވެ. ބަރަކާތުގެ އެ ވަގުތަކުގައި އޭގެ ފައިދާ އެދެވޭ ގޮތެއްގައި ޣަނީމާނުކުރެވުނު މީހާ އިތުރު ފުރުޞަތެއް ނުލިބިދާނެކަމަށް ބިރުވެތިވާން ޖެހޭނެއެވެ. ލިބޭ ފުރުޞަތުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަށް ޓަކައި ހަނދު ފެނުމުގެކުރިން، އަވަހަށް ތައްޔާރުވާށެވެ!