ރިޝްވަތު ހިފާނީތަ؟ ކަލާނގެއަށް ބިރުވެތިވާނީތަ؟

ރިޝްވަތުހިފުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެނަސް އެ ކަން މީސްތަކުންނަށް އިޙުސާސްނުވާ ވަރަށް މިއަދު ދުނިޔޭގައި ރިޝްވަތު މި ވަނީ އާންމުވެފައެވެ. ޚާއްޞަކޮށް އިންތިޚާބުތަކާ ދިމާކޮށް ހަދިޔާގެ ގޮތުގައްޔާއި އެ ނޫން ގޮތްގޮތުން ވެސް ގިނަ ޢަދަދުޢަދަދުން ފައިސާއާއި އަގު ބޮޑު ތަކެތި މީހުންނަށް ދީއުޅޭއުޅުން މި ވަނީ އާންމުވެފައެވެ. މިއީ ކަނޑައެޅިގެން ރިޝްވަތެވެ. ޙަރާމްކަމެކެވެ.

މިއަދު ވެސް ދިވެހި މުޖުތަމަޢުތެރޭ މި ވާހަކަ އެބަ ދެކެވެއެވެ. ސިއްރުންނާއި ފާޅުގައެވެ. ސިއްރުން ދައްކާ ވާހަކަ ވެސް އޮންނަނީ އެންމެން ދަންނަ ބޮޑު ސިއްރުގެ ގޮތުގައެވެ. ކުރިޔަށް މި އޮތް އިންތިޚާބާ ގުޅިގެން ފައިސާ ބަހާ ވާހަކަ މިހާރު އެ ބަ އަޑު އިވެއެވެ. އެ ދައްކަނީ ރިޝުވަތު ދޭ ވާހަކައެވެ.

ސިޔާސީ ރޭހުގައި ވާދަކުރާ ކޮންމެ މީހަކު ވެސް، އެ މަޤާމަށް ހޮވޭނީ ރިޝްވަތު ދީގެން ކަމަށް ޤަބޫލު ކުރެވުމާއި، ފައިސާ ދޭ މީހާ ހޮވާނަން ކަމަށް އާންމުންތެރޭގައި ބުނާ ބުނުމަކީ މިއަދު މި މުޖުތަމަޢަށް ޖެހިފައި އޮތް ކެންސަރެކޭ ވެސް ބުނެވިދާނެއެވެ. ގިނަ ޢަދަދެއްގެ ބަޔަކު ރިޝްވަތު ބެހުމުގައްޔާއި ރިޝްވަތު ހިފުމުގައި އެ ތިބީ އަވަދިނެތިފައެވެ.

މި ކަން އާންމުވެފައިވާ ވަރަކީ ކޮންމެ މީހަކަށް ވެސް ހީވެފައި މި އޮތީ ރިޝްވަތުގައި ނުހިފާންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މިކަހަލަ އިންތިޚާބަކުން ނޫނީ އާންމުންގެ މީހަކަށް ފައިދާއެއް ނުވަތަ މަންފާއެއް ލިބެން ނެތް ކަމަށް މިހާރު ޤަބޫލުކުރެވެއެވެ. އިންތިޚާބަކުން ކާމިޔާބުވެ މަޤާމަކަށް އާދޭވޭ މީހުންގެ ފަރާތުން އާންމުނަށް މަންފާއެއް ނުވާތީ ވާ ގޮތެއް ކަމުގައި އެއް ބަޔަކު ބުނެއެވެ. ކަންތައް ވަނީ ވެސް ގިނަ ފަހަރު އެހެންނެވެ. ގޮނޑީގައި އިށީނދެވުމުން އޭނާ ވީ ވަޢުދާއި އަހުދުތަކުގެ މަތިން ހަނދާން ހުންނަ މީހަކު ނޫޅެއެވެ. އަދި އޭގެ އިތުރަށް އޭނާ ފާޅުގައި ހަރުއަޑުން ބުނަނީ "ތިމަންނާ މި މަޤާމަށް އައީ ވޯޓު ގަނެގެން ކަމަށާއި އެއްވެސް މީހަކަށް ބަދަލުގައި ކޮށްދޭން ޖެހޭ ކަމެއް ނޯންނާނޭ ކަމަށެވެ." އަދި ހަމައެހެންމެ ވޯޓު ގަތް އަގު ދައްކާފައި ވާނެ ކަމަށް ވެސް ބުނެއެވެ. މިފަދައިން ބުނާ ބުނުމަކީ "ތިމަންނާ ރިޝްވަތު ދީފީމޭ ބުނާ ބުނުން ނޫން ދެން ކޮން ވާހަކައެއްތޯއެވެ؟"

އަދުގެ ހާލަތު ގޮސްފައި ވާ ހިސާބަކީ މުސްލިމުންގެ ގޮތުގައި ތިބޭއިރު ލަދުގަންނަން ޖެހޭ ހާލަތެކެވެ. އެއް ބަޔަކު ހީކުރަނީ ރިޝްވަތުގެ ފައިސާ ހިފޭނެ ކަމަށާއި، އެ ފައިސާ ލިބިގަނެ އޭނާއަށް ތާއިދުކުރަން އެއްބަސްވެއްޖެއްޔާ، އެއީ ޚިލާފުނުވެވޭނެ ވަރުގެ ވަޢުދެއްކަމެވެ. އެހެންވީމާ އެ މީހަކަށް ވޯޓު ވެސް ލާން ޖެހޭނެ ކަމެވެ. އެއަށްވުރެ ކުރިން ނިކަން ވިސްނާށެވެ. އަޅުގަނޑުމެން މި ތިބީ މާތް ﷲއަށް އަހުދު ކަށަވަރެއް ހިފައި އިސްލާމް ވެގެންނެވެ. ރިޝްވަތަކީ ދޭ މީހާއަށާއި އޭގައި ހިފާމީހާއާށް ލަޢުނަތް ހުރި ކަމެއްގެ ގޮތުގައި މި ދީނުގައި ކަނޑައަޅާފައި ވެއެވެ. އެ ފާފައަށް މި އަރައިގަންނަނީ ކޮން ހަމައަކުންބާއެވެ؟

އަނެއް ބަޔަކު ދެކޭ ގޮތުގައި ރިޝްވަތުގެ ފައިސާގައި ހިއްޕެއްކަމަކު ފައިސާ ދިން މީހާ އެދޭ ގޮތަށް ޢަމަލު ކުރާކަށް ނުޖެހެއެވެ. އޭނާ ބުނާ ކެނޑިޑޭޓަށް ވޯޓު ލާކަށް ވެސް ނުޖެހޭނެއެވެ. މި ވާހަކައަށް ވެސް ބުނާނެ އިތުރު އެއްޗެއް ނެތެވެ. ފުރަތަމަ މާނައިގައި ރިޝްވަތުގައި ހިފުން އެ ވަނީ ގޯސްވެފައެވެ. އެ މީހަކު އެހެރީ ﷲގެ ކޯފާއަށް ހުށައެޅިފައެވެ.

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން އަޅުގަނޑުމެންގެ ތެރޭ ހަރުއަޑުން އިއްވަން އެބަ ޖެހެއެވެ. އާދައިގެ ކުޑަ ކަމެއްގެ ގޮތުގައި ދެކިގެން މި އުޅެވެނީ ބޮޑެތި ފާފައިގެ ތެރޭ ހިމެނޭ ކަމެކެވެ. މިއީ މާތް ﷲގެ ލަޢްނަތް ލެއްވިގެންވާ ކެމެކެވެ. އަންނަނިވި ޙަދީޘަށް ފުންކޮށް ވިސްނައިލާށެވެ. عَنْ عَبْدِ اَللَّهِ بْنِ عَمْرِوٍ ‏-رَضِيَ اَللَّهُ عَنْهُمَا‏- قَالَ: ” لَعَنَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-اَلرَّاشِي وَالْمُرْتَشِيَ ” (رَوَاهُ أَبُو دَاوُدَ, وَاَلتِّرْمِذِيُّ وَصَحَّحَهُ) މާނައީ: ޢަބްދު ﷲ ބުނު ޢަމްރު رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ލަޢްނަތް ލެވިއެވެ." ބައެއް އެހެން ރިވާޔަތްތަކުގައި، ރިޝްވަތުގެ މެދުވެރިވެރިޔަކަށްވެ، އެހިފައިގެން ހިނގާ މީހާއަށް ވެސް ލަޢްނަތް ހުރިކަމަށް ބަޔާންކުރެއްވިއެވެ.

ލަޢުނަތް ލެއްވުމޭ ބުނީމާ އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭބާއެވެ؟ ابن منظور رحمه الله އެކަލޭގެފާނުގެ ފޮތް لسان العرب ގައި ލިޔުއްވައިފައި ވަނީ "ލަޢްނަތް ލެވިގެންވުމަކީ، ބޭރުކޮށްލެވި ދުރުކޮށްލެވި، ހުރިހާ ހެޔޮ ކަމަކުން އެއްކިބާކުރެވިގެން ވުން ކަމުގައި ލިޔުއްވައިފައި ވެއެވެ.

މިފަދަ ފާފަތަކަށް އަރައިގަތުމަކީ އާދައިގެ ކުޑަ ކަމެއް ކަމުގައި ނުދެކޭށެވެ! މީގެ ސަބަބުން އެ މީހެއްގެ ޙަޔާތަށް ސުންޕާކަން ޖެހި އަބާއްޖަވެރިއަކު ކަމުގައި ވެދާނެއެވެ. މި އުންމަތުގެ ޞާޙާބީން ދެކެވަޑައިގެންނެވީ ކުޑަ ވިޔަސް، ފާފައަކީ އެ ބޭކަލުންގެ ބޯ މައްޗަށް އުފުލިފައިހުރި ފަރުބަދައެއް ފަދައިންނެވެ. އެ ފަރުބަދަ ކޮންމެ ވަގުތެއްގައި ވެސް ވެއްޓިދާނެ ކަމަށް އެބޭކަލުން ބިރުފުޅުވެ ވަޑައިގެންނެވިއެވެ.

މިއަދު ބޮޑެތިބޮޑެތި ފާފަތައް ވެސް އަޅުގަނޑުމެން ދެކެނީ އެއްވެސް ބިރެއްނެތް އާދައިގެ، އާންމު ކަމެއްގެ ގޮތުގައެވެ. ކުރަން ބޭނުން މީހަކު ބޭނުން ވަރަކަށް ފާފަކުރަންވީއެވެ. ރެއާދުވާލު އުރެދުމުގައި އުޅެންވީއެވެ. ވަގުތުން ކޯފާއެއް ނާންނާތީ ފަރުވާލެއް ނެތީއެވެ. މިހާރު މި ހިނގަނީ އެފަދަ ކަމެކެވެ. އިންތިޚާބާ ގުޅިގެން ދޭ ހަދިޔާގެ ގޮތުގައި ފައިސާއާއި ތަކެތި ދެނީއެވެ. މިއީ ރިޝްވަތު ދިނުމެވެ. އޭގައި ހިފާ މީހުން އެ ހިފަނީ ރިޝްވަތުގައެވެ. އެއީ ޙަރާމު އެއްޗެއް ކަން ދަންނާށެވެ. ރިޝްވަތާ ދުރަށްދާށެވެ. ރިޝްވަތުން ލިބޭ އެއްވެސް އެއްޗެއްގައި ބަރަކާތެއް ނެތެވެ. ޙަރާމް ގޮތުގައި ހޯދާފައިސާ އާއި މުދާ ބޭނުންކުރާ މީހާގެ ހަށިގަނޑަށް އެންމެ ޙައްޤުކަން ބޮޑީ ނަރަކައެވެ. މި ކަންކަން އެނގުމަށް ފަހުގައި، ރިޝްވަތު ހިފާނީތަ؟ ކަލާނގެއަށް ބިރުވެތިވާނީތަ؟ މި ސުވާލުގެ ޖަވާބު އަމިއްލަ ނަފުސަށް ދޭށެވެ!

comment ކޮމެންޓް