ބަނގުރަލުގެ މައްސަލައެއްގައި ބިދޭސީންގެ އިތުރު ގުރޫޕެއް ހައްޔަރުކޮށްފި، މިފަހަރު އިންޑިއާގެ 5 މީހުން

ބަނގުރާ ކައްކައި، ވިޔަފާރިކޮށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހުން، އެންމެންވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ --- ފޮޓޯ: ފުލުހުން

ބަނގުރާ ކައްކައި، އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ މައްޗަންގޮޅި އަވަށުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ގޭގައި ބަނގުރާ އުފައްދައި އެ ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ، 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 53 އަހަރުގެ މީހެކެވެ.

އެ ގެ ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި އެ މީހުން އަނބުރާ ފޮނުވާލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

https://sun.mv/216050

މިއީ ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި މި ހަފުތާގައި ބިދޭސީންތަކެއް ހައްޔަރުކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މާލޭގައި ބަނގުރާ ގެންގުޅެ، ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ނޭޕާލުގެ ހަ މީހުން ހައްޔަރުކޮށް އެ މީހުން ޑީޕޯޓުކުރަން ނިންމައިފައިވެއެވެ.

ވުމާއެކު މި ހަފުތާގައި ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ އަދަދު ވަނީ 11އަށް އަރައިފައެވެ. އަދި މިފަދަ މައްސަލަތަކުގައި މި މަހު ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 16އަށް އަރައިފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދަށް ފެއްތުން ނުވަތަ ޑީޕޯޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް