ބަނގުރާ ފުޅިތަކަކާއެކު، ނޭޕާލުގެ ހަ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރަނީ

އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަނގުރަލާއެކު ފުލުހުން ހައްޔަރުކުރި ނޭޕާލު މީހުން: މި ހަ މީހުން ޑީޕޯޓުކުރަން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ --- ފޮޓޯ: ފުލުހުން

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ނޭޕާލުގެ ހަ މީހަކު މާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރީ ނޭޕާލުގެ ފަސް ފިރިހެނަކާއި އަންހެނެކެވެ.

މި އޮޕަރޭޝަންގައި މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައި ފާސްކޮށްފައިވާނެ ކަމަށާއި، އެ ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހަ މީހުން އަނބުރާ ފޮނުވާލަން އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ވަރަށް އާންމެވެ. އޭގެ ތެރެއިން ބަނގުރާ ވިއްކާ ބިދޭސީންގެ މައްސަލަ ވެސް ފެންމަތިވެއެވެ.

ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތަށް ބަލާއިރު، ބަނގުރަލުގެ އެކި މައްސަލަތަކުގައި، މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި ބިދޭސީން ހިމެނޭހެން މިމަހުގެ މިހާތަނަށް 11 ބިދޭސިއަކު ހައްޔަރުކޮށްފައިވެއެވެ.

އެގޮތުން ފުލުހުން އެންމެ ފަހުން ދެ ބިދޭސިއަކު ހައްޔަރުކުރީ މާލޭގެ ގެއެއްގައި ބަނގުރާ ކައްކައި، ވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ދެ ފިރިހެނުން އަނބުރާ ފޮނުވާލަން ވަނީ އިމިގްރޭޝަނާ ހަވާލުވެސް ކޮށްފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދަށް ފެއްތުން ނުވަތަ ޑީޕޯޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް