ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި, ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެ، 397 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް:
- ޓެކުން (46 ދައުވާ)
- އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)
- މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން (3 ދައުވާ)
- މަނީ ލޯންޑްރިން (1 ދައުވާ)
މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ މަންޑޭ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށެވެ. އަދި ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބުރަތަކަށް ވާނެ ފަދަ އަދަބެއް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަންޑޭގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން މިއަދު އަމުރުކުރިއެވެ.
އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ ފުރަތަމަ ވެސް މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ.
ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު މީގެ ކުރިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން އާންމުކޮށްފައެވެ. ތަހުގީގުގެ ތެރެއިން ބެލިއިރު އޭރު އެ ޕެންޓްހައުސްގެ އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.