ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭއިރު، ޔޫތު މިނިސްޓަރު މުހައްމަދު ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮތް ސަންގު މީޑިއާއަށް ގިނައިން ފައިސާ ލިބޭ ގޮތް ވަނީ، އެ ތަން މޮޅަށް ހިންގައިފައި އޮތުމުން އޭނާ މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، މި އަހަރު މީޑިއާތަކަށް 27.9 މިލިއަން ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ.
އެ ފައިސާ ދިނުމަށް ޕޮއިންޓު ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ ޔޫތު މިނިސްޓްރީ ހަވާލުވެގެންނެވެ. އެ މިނިސްޓްރީން އެކުލަވާލި ލިސްޓުން އެންމެ ގިނަ ޕޮއިންޓާއެކު، އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް އޮތީ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ސަންގު އޮންލައިނަށް ވަކިން 1.3 މިލިއަން ރުފިޔާ ލިބެއެވެ. އެއީ ސަންގަށް ޖުމުލަ 5.1 މިލިއަން ރުފިޔާއެވެ.
އެ މިނިސްޓްރީން ޕޮއިންޓު ދިނުމަށް އެކުލަވާލި އުސޫލަށާއި، ފައިސާ ދޭ މީޑިއާތަކުގެ ލިސްޓަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އޭގެ ފަހުން، މީޑިއާތަކަށް ޕޮއިންޓު ދިނުމުގެ މަސައްކަތް ހަވާލުކުރީ މި ސަރުކާރުގައި އުފެއްދި މީޑިއާ ކޮމިޝަނަށެވެ.
އެ ކޮމިޝަނުން މިއަދު ވަނީ، ފައިސާ ލިބުމަށް 41 މީޑިއާއެއް ޝަރުތު ހަމަވާކަން އިއުލާންކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީޑިއާތަކަށް މީގެ ކުރިން ފައިސާ ދޭނެ ގޮތް ނިންމުމުގައި އޭނާގެ އެއްވެސް އިހުމާލެއް ނެތް ކަމަށެވެ.

މިއަދުގެ ޕްރެސްގައި މިނިސްޓަރު: މީޑިއާތަކަށް ފައިސާ ދިނުމަށް ޕޮއިންޓު ދިނުމުގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވީ، އޭނާގެ މަސްލަހަތު ހިމެނޭ ކަމެއްގައި އަމިއްލައަށް ފައިސާ ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީން ހަވާލުވެގެން މީޑިއާތަކަށް ފައިސާ ދޭން މަސައްކަތްތައް ކުރިއިރު، އޭނާ އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އޭގެ ބެކްއެންޑް އޮންނަނީ ޓްރޭޑްނެޓްގައި، މިހާރުގެ ގޮތުން ވެއްޖެއްޔާ މައިންޑްކޯގައި، އޭގެ އެއްޗެއް ބަދަލުކޮށް އެއްވެސް ކަމެއް ކުރުމުގެ އެއްވެސް އިޚުތިޔާރެއް ނޯންނާނެ މިނިސްޓްރީއަކަށް އޭރުވެސް،" އަސްވާޑު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ސަންގު ހިންގެވިއިރު، އެތަން ހިންގައިފައި ހުންނާނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"އެ ތަނަށް ބަޔަކަށް މިހެން އެއްޗެއް ދޭން ވެއްޖެއްޔާ ދެވުމުގެ އެންމެ ފުރިހަމައަށް އެތަން ހިންގައިފައި ހުންނާނީ. އެހެންވީމަ އެ ބޭފުޅުން އަދި އެކަން އެގޮތަށް ކޮންޓިނިއުކޮށްފައި ހުރިއްޔާ ހަމަ ލިބޭނެ ވަރަށް މަތިން،" މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ ރަނގަޅަށް އަޅުގަނޑު ބިންގާ އަޅައިފައި ހުންނަ ކަމެއް ހިނގާނީ ރަނގަޅަށް."
މީގެ އިތުރުން، މީޑިއާތަކަށް ފައިސާ ދޭން މިނިސްޓްރީން އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މަރުހަލާގައި، އެ ޝަކުވާތައް ބެލުމަށް ނެގި ކޮމިޓީއަށް އަމިއްލައަށް ވަޑައިގެން ވެސް، މިނިސްޓަރުގެ މަސްލަހަތު އޮތް މީޑިއާއެއްގެ ޝަކުވާތައް އޮތްކަން ފާހަގަކުރައްވައި، އެކަން ވަކިން ޚާއްސަކޮށް ބެލުމަށް އެދިވަޑައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފުރަތަމަ ފައިސާ ދޭން އެކުލަވާލި ލިސްޓުން ސަންގު ޓީވީއަށް 100 ޕޮއިންޓު ލިބުނު އިރު، މި ފަހަރު މީޑިއާ ކޮމިޝަނުން އެކުލަވާލި ލިސްޓުން އެ ޓީވީއަށް 99 ޕޮއިންޓް ލިބިފައިވެއެވެ.
"އެހެންވީމަ މި ބުނަނީ ކޮންމެ ބަޔަކު ކުރިޔަސް، އަދި މާދަމާ އެހެން ބަޔަކު ކުރިޔަސް، އެ މީހުންނަށް އެ އުސޫލުގެ ދަށުން ލިބޭނަމަ ލިބޭނެ. އެއީ ރަނގަޅަށް ހިންގަންޏާ ލިބޭނެތާ،" އަސްވާޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަންގު ޓީވީއަށް މި ފަހަރު ޕޮއިންޓެއް އުނިވީ، މީޑިއާ ހިންގައިފައިވާ މުއްދަތަށް ޕޮއިންޓު ދޭ ކެޓަގަރީން ކަމަށެވެ. އެގޮތުން އެ ކެޓަގަރީން ފުލް މާކްސް ލިބެނީ 15 އަހަރުވެފައިވާ މީޑިއާތަކަށް ކަމަށާއި، ސަންގު ޓީވީއަށް 15 އަހަރު ނުވާތީ އެ ކެޓެގަރީން ޕޮއިންޓެއް އުނިވީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީޑިއާތަކަށް ފައިސާ ލިބޭނީ، މީޑިއާ ކޮމިޝަނުން ފޮނުވާ ލިސްޓު ޔޫތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން ކަމަށެވެ. އަދި މީޑިއާ ކޮމިޝަނުން މިހާރު ފޮނުވައިފައިވާ ލިސްޓުގައި، މީޑިއާތަކަށް ލިބޭ ޕޮއިންޓުގެ އަދަދު އޮތް ނަމަވެސް، ލިބޭ ފައިސާގެ އަދަދު ހިމަނައިފައި ނެތް ކަމަށް އަސްވާޑު ވިދާޅުވިއެވެ.
އެހެންވެ، އެ ތަފުސީލު ވެސް ހިމަނައި ދިނުމަށް މީޑިއާ ކޮމިޝަނުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އެ ބޭފުޅުން އަޅުގަނޑުމެންނާ ހިސާބަށް މިއަދު ފޮނުވައިފިއްޔާ މިއަދުވެސް ފިނޭންސްއަށް ފޮނުވާނީ އިނގޭތޯ އެއްވެސް މިނެޓަށް ވެސް މަޑުނުކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ، ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ބޭނުމަކީ، މީޑިއާތަަކަކީ ބާރުވެރި، މާލީ މިނިވަންކަން ލިބި، ނުފޫޒުން އެއްކިވާބެފައިވާ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށް ބުނެފައެވެ.