އެއާޕޯޓު ތަރައްގީކުރުމަށް ދިއްދޫގެ ބިންހިއްކަން އަންނަ ހަފުތާ ފަށަނީ

ހއ. ދިއްދޫ: އެ ރަށުގެ ބިން ހިއްކަން މިފެށޭ އަހަރު ކުރީކޮޅު ފަށަނީ (ފޮޓޯ/ފޭސްބުކް)

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާ ކުރީކޮޅު ފަށާނެ ކަމަށް، އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު ވަނީ، އެ ރަށުގެ ހުޅަނގުފަރާތު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެ ފަޅުގައި އޮޑިދޯނިފަހަރު އެހެލާފައިވާ ފަރާތްތަކުން އޮޑިދޯނިފަހަރު ނަގައި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް އިތުރު ފުރުސަތެއް ދީފައެވެ.

ދިއްދޫގެ ހުޅަނގުފަރާތު ފަޅު ހިއްކާ ސަބަބު ހޯދުމަށް 'ސަން'އިން ސުވާލުކުރުމުން އެ ރަށު ކައުންސިލަރު ޢަބްދުالله ވަޙީދު ވިދާޅުވީ، އެ ފަޅު ހިއްކަނީ ރަށުގައި އެއާޕޯޓު ތަރައްގީކުރުމަށާއި ގޯތި ދޫކުރުމުގެ އިތުރުން ސިނާއީ މަސައްކަތްތަކަށް ކަމަށެވެ. ވަޙީދު ވިދާޅުވީ، ބިން ހިއްކައި ނިމުމުން ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ބިން ހިއްކުމަށްޓަކައި ބޭރުން އަންނަ ބޯޓު ދިއްދުއަށް މިފެށޭ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ހަތަރު ވަނަ ދުވަހު ބަނދަރުކުރާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުالله ރަޝީދު 'ސަން'އަށް ވިދާޅުވީ، ބިން ހިއްކައި ނިމުމުން އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުން އޮޑިދޯނިފަހަރު ނަގަން މިދިޔަ އޮކްޓޯބަރު މަހުގެ މެދުތެރެއާއި މި ނިމޭ ޑިސެންބަރު މަހު ކުރީކޮޅު ކައުންސިލުން އެންގި ނަމަވެސް، އަދިވެސް ބައެއް ފަރާތްތަކުން ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދާ ކައިރީގައި އޮޑިދޯނިފަހަރު އެހެލާފައި ބެހެއްޓުމާއި އޮޑިދޯނިފަހަރު އެޅުމަށް ރަށުގެ ހުޅަނގު ފަރާތުފަޅު ބޭނުން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް، ދިއްދޫ ކައުންސިލުން މިއަދު ބުންޏެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ، މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ ރަށުގައި އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށް ޓަކައި ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.

މި އަހަރުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އެ މަނިކުފާން ވިދާޅުވީ ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށެވެ.

https://sun.mv/201943

"ދެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން ވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 19ވަނަ ދުވަހެވެ. ނަމަވެސް 257.21 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަޝްރޫއު އަދިވެސް ނުފެށެއެވެ.

https://sun.mv/191077

އެހެންވެ އެ މަޝްރޫއު ނުފެށޭ ސަބަބު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދުމުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައިވަނީ، ދިއްދޫ އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރަން އެ މިނިސްޓްރީން ފަށާފައި ނުވާކަމަށް ބުނެފައެވެ.

https://sun.mv/203303

ހަމައެއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައި، ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ވެސް ނުވާކަމަށް ބުނެފައިވެއެވެ. އަދި ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 19ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ މަސައްކަތް ވެސް ފެށިފައި ނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހަމައެއާއެކު އެ މަޝްރޫއުގެ ފީސަބިލިޓީ ސްޓަޑީއެއް ވެސް ހަދާފައި ނުވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދިއްދޫގައި އެއާޕޯޓެއް އަޅާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ދިއްދުއަށް ލޯންޗެއްގައި ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ. އަދި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ލޯންޗެއްގައި ދިއްދުއަށް ދާން ވެސް ހޭދަ ވާނީ ވިއްސަކަށް މިނެޓެވެ.

comment ކޮމެންޓް