ދެން ހއ. ދިއްދުއަށް ވަޑައިގަންނަވާނީ އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށާއި، އެ ރަށަށް ދާން ފުރަތަމަ ޓިކެޓު ނަގާ މީހުންގެ ތެރޭގައި އިދިކޮޅު ފަރާތްތައް ހިމެނޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ، މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ. އެ މަނިކުފާނު ވިދާޅުވީ އެ ރަށުގައި އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށް ޓަކައި ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.
މި އަހަރުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. ވިދާޅުވީ ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށެވެ.
"ދެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން ވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވިއެވެ.
ތަރައްގީ ގެންނަނީ އެންމެންނަށް ހަމަހަމަކޮށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނަށް ސިޔާސީ ފިކުރު މުހިންމު ނޫން ކަމަށެވެ. އެ ގޮތުން ޚިޔާލު ތަފާތުވިޔަސް، ރަށަށް ލިބޭ ތަރައްގީ ހޯއްދަވަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމަށް ގެނެވޭ ތަރައްގީއެއް، ރަށަކަށް ގެނެވޭ ތަރައްގީއެއް، އެއީ ސިޔާސީ ކަމެއް ނޫން. އެއީ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ މުސްތަގުބަލަށް ޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް. އެ ކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށް ވެސް ކޮށްދެވޭ ކަމެއް
ރައީސް ޑރ. މުޙައްމަދު މުއިއްޒު
އެއާޕޯޓަށް ފަހު، ރައީސް ދިއްދުއަށް ވެ ވަޑައިގަތް އެންމެ ބޮޑު އެއް ވައުދަކީ އެ ރަށުގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަޅައިދިނުމެވެ. ރައީސްވަނީ އެ ދަނޑުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
ދިއްދޫގެ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ތަރުކާރުކޮށް ރައީސް ދެއްވިއެވެ.
މިރޭ ދިއްދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ބޭއްވެވި ޖަލްސާގެ ތެރެއިންވަނީ އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ވެސް ތައާރަފުކޮށްފައެވެ.