ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ހޫދު ހައްޔަރު ކުރީ، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި ދިވެހި ފުލުހުން ގުޅިގެން 2022ގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ހޫދުގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދިނުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ހޫދުގެ މައްޗަށް ވަނީ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާ ސާބިތުވެ، 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
އޭގެއިތުރަށް، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި ކުރެހުމާއި ފޮޓޯ ގެންގުޅުމުގެ ދައުވާ ވެސް ވަނީ ހޫދުގެ މައްޗަށް ސާބިތުވެފައެވެ.
އެހެންވެ، މި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.
މި މައްސަލައިގައި ކުރިން އޭނާގެ މައްޗަށް ކުރި، އިންޓަނެޓު މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި އިންޓަނެޓު މެދުވެރިކޮށް ޓެރަރިސްޓު ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ހޫދަކީ 2010ވަނަ އަހަރުގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ވިލިމާލޭ އެންޓަނާ ސަރަހައްދަށް ގެންގޮސް، ރޭޕް ކުރިކަމުގެ ތުހުމަތުގައި ވެސް ދައުލަތުން ދައުވާކުރި މީހެކެވެ.
އޭނާއާއެކު ހަ މީހެއްގެ މައްޗަށް އެ ތުހުމަތުގައި ދައުލަތުން ކުރީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް, އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖޫން 23، 2013ގައި ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.