އައިއެސްއާ ގުޅުން އޮންނާތީ ހައްޔަރުކުރި ހޫދު، ރޭޕްގެ މައްސަލައެއްގައި ކުރިން ދައުވާކުރި

ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ - ސަން ފައިލް ފޮޓޯ

ނިމިދިޔަ ޖަނަވަރީ މަހު ފުލުހުން ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑް އޮންނަ މީހެއްކަން އެނގިއްޖެއެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އޮޕަރޭޝަންގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ހައްޔަރުކުރީ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ހޫދު ހައްޔަރު ކުރީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި ހޫދަކީ އައިއެސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ މީހެކެވެ. އެގޮތުން އޭނާ މީޑިއާ ކެމްޕެއިންތައް ވެސް ހިންގާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހޫދަކީ 2010ވަނަ އަހަރުގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ވިލިމާލޭ އެންޓަނާ ސަރަހައްދަށް ގެންގޮސް، ރޭޕް ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި މީހެކެވެ.

އޭނާއާއެކު ހަ މީހެއްގެ މައްޗަށް އެ ތުހުމަތުގައި ދައުލަތުން ކުރީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެހެން ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2013ވަނަ އަހަރުގެ ޖޫން މަހުގެ 23ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

comment ކޮމެންޓް