ލެމަންގްރާސްގެ ވެއިޓަރަކާ މާރާމާރީ ހިންގި މީހަކު ބަންދުކޮށްފި

އަންހެން ފުލުހެއް މަގުމަތީގައި: ވެއިޓަރަކާ މާރާމާރީ ހިންގި މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ ފުލުހުން

މާލެގައި ހުންނަ ލެމަން ގްރާސް ރެސްޓޯރަންޓުގެ ވެއިޓަރަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަހަށް ބަންދު ކުރަން އަމުރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ތަހުގީގުކުރި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ އަމުރުގައިވާގޮތުން، އޭނާ ހައްޔަރުކުރީ ލެމަންސްގްރާސް ރެސްޓޯރަންޓުގެ ވެއިޓަރަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައެވެ.

އޭނާ އެ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި، މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔަނާއި ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި ކުށުގެ ރިކޯޑު ހިމެނެއެވެ.

އައިއޯ ފާހަގަކުރި ގޮތުގައި، އޭނާއަކީ މާރާމާރީގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށްވާއިރު، މި ބާވަތުގެ މައްސަލައެއްގައި އެންމެ ފަހުން ހައްޔަރުކުރީ 2022 ގައެވެ.

ޝަރީއަތުގައި އޭނާގެ ވަކީލް ވިދާޅުވީ، ތުހުމަތުކުރެވެނީ ކުޑަ ކުށެއް ކަމަށްވުމުން، ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން އެދޭ ކަމަށެވެ. އެކަމަކު، ކޯޓުން ނިންމީ އޭނާ ބަންދުކުރާށެވެ.

comment ކޮމެންޓް