ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ހިފުމުގެ ހަތް ދައުވާގެ ތެރެއިން ބާކީ އޮތް ފަސް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މައުމޫންގެ މައްޗަށް ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނެވިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވާފައެވެ.
އެކަމަކު، ބާކީ އޮތް ފަސް ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މައުމޫންގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ކުރިން އިއްވާފައ އޮތް 12 އަހަރު ދުވަހުގެ ޖަލު ހުކުމް ވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިއަދު ކްރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ނިންމި ފަސް ދައުވާގެ މައްސަލަ އިސްތިއުނާފުކުރަން ގަސްދުކުރާ ކަމަށް ބުނެފައެވެ.
"މި ފަސް ދަޢުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއް ނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް މި އޮފީހަށް ބެލެވެއެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާ އެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ދަނިކޮށް މައުމޫން ރާއްޖޭން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖޭން ބޭރުގައެވެ. ނަމަވެސް، މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އަދި، މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރިއެވެ.
މައުމޫން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، ޑިސެންބަރު 2013 އިން ނޮވެމްބަރު 2018 އަށެވެ.