އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެ ފައިސާ ހޯދައި، ބަޖެޓު ފޫބެއްދޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ ކަމެއް ކުރަންޏާ ޖެހޭނީ ފައިސާ ޗާޕުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެކެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބާކީ ފައިސާގެ ބޮޑުބައި ހޯދަން ރާވާފައިވަނީ ބޭރު ގައުމުތަކުންނެވެ. ބަޖެޓު ފޮތުގައި ވާގޮތުން އަންނަ އަހަރު ޖުމުލަ 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން ރާވަނީ ބޭރުންނެވެ.
އެކަމަކު، އެއީ ވާނެ ކަމަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެ މަނިކުފާނު ރައީސްކަން ކުރައްވާ ޕީއެންއެފުން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ އެ މަނިކުފާނު ވިދާޅުވީ، އަންނަ އަހަރަކީ ގިނަ މަޝްރޫއުތަކެއް ހިނގާނެ އަހަރެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ހިސާބުތައް ދިމާނުވާ ކަމަށެވެ. އެގޮތުން، ލިބޭ ހުރިހާ އާމްދަނީއެއްހެން ޚަރަދުކުރަންޖެހެނީ ހިންގުމުގެ ޚަރަދަށްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން ބަޖެޓު ފާސްކޮށްފައި މި އޮތީ 64 ބިލިއަނޭ ޖަހައިގެން. އެކަމަކު، އަނެއް 24 ބިލިއަން ލިބޭނެ ގޮތެއް ނެތް. އެ ފައިނޭންސެއް ނުކުރެވޭނެ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި އަހަރު ވެސް ބޭރުގެ ފަރާތްތަކުން އެކަށިގެންވާ އެހީއެއް ނުލިބޭ ކަމަށެވެ. އަދި، އާންމު ގޮތެއްގައި އެންމެ ގިނައިން ދަރަންޏަށް ފައިސާ ދޭ އަވައްޓެރި އިންޑިއާއިން ވެސް މިހާރު އެ ގޮތަށް ފައިސާ ދިނުން ހުއްޓާލައިފި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަނެއް ބައި ފޫބައްދަން ދެ ގޮތެއް އޮތީ. އެއްގޮތަކީ އެ އަދަދު ޖަހާފައި އޮތަސް އަހަރު ނިމިގެންދާއިރު އެ އަދަދާ ކައިރިއަށް ވެސް ނުލިބުން. އަނެއް ގޮތަކީ އެ އަދަދު ހަމަ ހޯދަން ބޭނުން ކަމަށްވަންޏާ ފައިސާ ޖެހުން. ނޫޓު ޗާޕުކުރުން. ކޮށްފި ކަމަށްވަންޏާ އަނެއްކާ ވެސް އަނެއް އުނދަގޫތަކާ މި ކުރިމަތިވަނީ،" އެ މަނިކުފާނު ކިޔައިދެއްވިއެވެ.
"އެއްގޮތަކަށް ވެސް މި ހިސާބަކުން މަޝްރޫއެއް ނުހިންގޭނެ،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރަށް ފާސްކުރި ބަޖެޓުގެ ބޮޑުބައި ވެސް އަހަރު ނިމޭއިރު އޮތީ ޚަރަދު ނުކޮށެވެ. މި މަހު 11 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި އެހާތަނަށް ޚަރަދުކުރީ 49 ބިލިއަންގެ ޚަރަދުގެ ތެރެއިން 38 ބިލިއަން ރުފިޔާއެވެ. އެއީ، އާމްދަނީއަށް ލިބުނު 36 ބިލިއަނަށްވުރެ އިތުރަށް ދެ ބިލިއަނެއްހާ ރުފިޔާއެވެ. އެހެންވެ، ބާކީ ފައިސާ ފައިނޭންސް ނުކުރެވުނީ ކަމަށް ބެލެވެއެވެ.
ހިލޭ އެހީގެ ގޮތުގައި ވެސް 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލިޔުނު ނަމަވެސް މި އަހަރު ނިމޭއިރު ވެސް އަދި ލިބުނީ އެންމެ 301 މިލިއަން ރުފިޔާއެވެ. އެއީ، އެންމެ 12 ޕަސެންޓެވެ.
ޔާމީން ވަނީ އިމްޕޯޓު ޑިއުޓީ ދަށްވީ ސިނގިރޭޓުގެ ސަބަބުން އެކަނި ނޫން ކަމަށާއި އެއީ އިގުތިސާދު ދަށްވުމުގެ ނަތީޖާ ކަމަށް ވިދާޅުވެ، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވެސް ރައްދު ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އިމްޕޯޓު ޑިއުޓީ ދަށްވަނީ މަޝްރޫއުތައް ވެސް ނުހިނގުމާއި ޑޮލަރުގެ އަގު ވެސް އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.
"ސަރުކާރުން ގަބޫލުކުރަންޖެހޭ އިގުތިސާދުގައި މިހާރު އެއްވެސް ކަހަލަ ފަންވަރެއް ނެތްކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަންނަ އަހަރަށް ރިކޯޑު ބަޖެޓެއް ފާސްކުރީ އަންނަ އަހަރު ދައްކަންޖެހޭ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭތީ ކަމަށް ބުނެއެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް ހިމެނެއެވެ. އެހެންވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަން ފާހަގަކޮށް 'ޖަންކް' ރޭޓިންގައި ދަމަހައްޓާފައެވެ.
އެ ދަރަނި ދައްކާނެ ގޮތުގެ ޕްލޭން ހާމަކުރަން ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އަންނަ އަހަރު އެއް ފަހަރާ ދައްކަންޖެހޭ 525 މިލިއަން ޑޮލަރު ދައްކަން، އާ ބޮންޑެއް ވިއްކަން ސަރުކާރުން ރޭވި ނަމަވެސް ކްރެޑިޓް ރޭޓިން ދަށްވުމުން އެކަން ކުރަން ދަތިވާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި، ބޭރުގެ ގައުމުތަކުން އެހީގެ ގޮތުގައި ފައިސާ ލިބޭނެ ނަމަ އެކަން ވެސް މިހާރު އޮންނަންވާނީ ކަށަވަރުވެފައި ކަމަށް ވިދާޅުވެ، އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ކަންބޮޑުވުންތަކަށް ސީދާ ޖަވާބުތަކެއް ނުދިން ނަމަވެސް، ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނިތައް އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.