ސިނގިރޭޓު އަގުބޮޑުވުމުން އިމްޕޯޓު ޑިއުޓީން މަދުވި ފައިސާއަށްވުރެ ސިއްހީ ފައިދާ ބޮޑު: ސައީދު

އިކޮނަމިކް މިނިސްޓަރު ސައީދު: އޭނާ ވިދާޅުވީ، އިމްޕޯޓު ޑިއުޓީން މަދުވި ފައިސާއަށްވުރެ ސިނގިރޭޓުގެ އަގުބޮޑުވުމުން ސިއްހީ ފައިދާ ބޮޑުކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ދަށްވުމުން ލިބުނު މާލީ ގެއްލުމަށް ވުރެ، ސަރުކާރުން ސިނގިރޭޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ލިބޭ ސިއްހީ ފައިދާތައް ބޮޑުކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިނގިރޭޓު އަގުބޮޑުވުމާ އެކު އިމްޕޯޓު ޑިއުޓީގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބު ޖެހި ނަމަވެސް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ލިބުނީ 2.9 ބިލިއަން ރުފިޔާއެވެ. އެހެންވެ، އެއީ އަންދާޒާކުރި އަދަދަށްވުރެ 1.7 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު ވެސް 426 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިމްޕޯޓު ޑިއުޓީ ދަށްވި އެންމެ ބޮޑު އެއް ސަބަބަކީ ސިނގިރޭޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލު ކަމަށެވެ.

https://sun.mv/214970

އެކަމަކު، ޑިއުޓީ ދަށްވުމުން ނުލިބުނު ފައިސާއަށްވުރެ ސިއްހީ ގޮތުން ލިބުނު ފައިދާ ބޮޑު ކަމަށް އިކޮނަމިކް މިނިސްޓަރު ވިދާޅުވިއެވެ.

"ސިނގިރޭޓު އަގުގެ ސަބަބުން ޑިއުޓީއަށް ދަށްވާ ދަށްވުން، އިންސާނުންގެ ސިއްހަތަށް ކުރާ ފައިދާއިން ކޮމްޕެއާކުރާ ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ނެޓް ގެއިންއެއްހެން އެ އަންނަނީ،" އެއީ އުންމީދީ ބަދަލެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް ވައިސް ނިންމެވުމެއް އެއީ،"

ސައީދު ވިދާޅުވީ، ސިނގިރޭޓާއި ވޭޕް މަނާކުރުމުގެ ސަބަބުން އެތައް ރައްޔިތުންނެއް ވެސް އެއީ ހެޔޮ ބަދަލެއްކަން ފާހަގަކުރާ ކަމަށެވެ.

https://sun.mv/214979

އެކަމަކު، އިމްޕޯޓު ޑިއުޓީ ދަށްވުމާއި ޗައިނާއާ އެކު މި ސަރުކާރުން ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ވޭތޯ ކުރި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ. އެ ޖަވާބުގެ ތެރެއިން އޭނާ ދެއްކެވީ ވެރިކަމާ ހަވާލުވިއިރު އިގުތިސާދު އޮތް ހާލަތުގެ ވާހަކައެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ މުޅިން ބަނގުރޫޓުކޮށްލާފައި. އެއްވެސް އުންމީދެއް ނެތް ހިސާބަށް ގައުމު ގޮސްފައި އޮތީ،" އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމާ އެކު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއާ ހަމައަށް އުފުލިފައެވެ. އޭގެ ކުރިން ފޮއްޓެއްގެ އަގު ހުރީ 110 ރުފިޔާގައެވެ. އެހެންވެ، އެ ބަދަލާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަ ވަރަށް ބޮޑަށް ބޮޑުވިއެވެ.

https://sun.mv/213195

ބާޒާރުގައި ވަގަށް އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު 60 ރުފިޔާއާއި 170 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ވެސް ވިއްކައެވެ.

އެގޮތަށް ވަގަށް އެތެރެކުރާ ސިނގިރޭޓުތައް ފުލުހުންނާއި ކަސްޓަމްސްއިން ދޭތެރެއަކުން އަތުލައި ވެސް ގަނެއެވެ. އެކަމަކު، އެ ފަދަ ސިނގިރޭޓު އެތެރެކޮށްގެން ވިއްކުމުގެ ސަބަބުން އަސްލު ނަތީޖާ ފެނޭތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޚާއްސަކޮށް އެ ސިޔާސަތަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެކަމަކު، ރައީސް މުއިއްޒު ވަނީ ގިނަ ބަޔަކު މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް