މި ސަރުކާރުން ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނީ 282 މިލިއަން ރުފިޔާ ނުވަތަ 18.3 މިލިއަން ޑޮލަރު ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސެޕްޓެންބަރު 2024 ގައި އެ މަޝްރޫއު ފެށީ އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއަކަށް ހިސާބު ޖައްސަވައިގެންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ސައީދު ވަނީ ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ ބައެއް ހިސާބުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ބަންކަރިން ޚިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެއީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ގައި މަޖިލީހުގައި ހުންނަވާ ސައީދު ދެއްވި އަދަދުތަކާ ބަލާއިރު ބޮޑު އިތުރުވުމެކެވެ.
އެ ދުވަހު ސައީދު ވިދާޅުވީ، އެހާތަނަށް ބަންކަރިން ޚިދުމަތުން ލިބުނީ 192 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށެވެ. އެއީ، 12 މިލިއަން ޑޮލަރެވެ. އަދި، ޓެކުހުގެ ގޮތުގައި ލިބުނު ކަމަށް އެ ދުވަހު ވިދާޅުވީ، 17 މިލިއަން ރުފިޔާއެވެ. އެހެންވެ، އޭރާއި ބަލާއިރު ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީ 90 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: މިއީ އިގުތިޞާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް
ސައީދު ވިދާޅުވީ، މި ޚިދުމަތުގެ ތެރެއިން ބަންކާކުރި ތަކެތީގެ 76 އިންސައްތައަކީ މުޅިން އަލަށް ރާއްޖެ ގެނެސްގެން ބަންކާކޮށްފައި ހުރި އުފެއްދުންތައް ކަމަށެވެ.
އެހެންވެ، އެ މަޝްރޫއުގެ މުސްތަގުބަލެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި މީގެ މުސްތަގުބަލު އޮތީ. މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން ކޮޅެއްގައި ނުޖައްސައެއް،" އެއީ މީގެ ކުރިން ނުލިބޭ އާމްދަނީއެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބަންކަރިން މަޝްރޫއު ފެށީ އެ މަޝްރޫއުން އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެކަމަކު، ލިބުނު އާމްދަނީއާއި އަޅާބަލާއިރު އެ އަދަދާ ކައިރި ވެސް ނުކުރެއެވެ.
ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.
ބަންކަރިން ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބު ޖެއްސެވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަދަ ބައެއް ބޭފުޅުން އޭރު ވެސް އެ އަދަދުތަކަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ސެޕްޓެންބަރު 2024 ގައި ޔާމީން ވަނީ ބަންކަރިންއިން ލިބޭނީ ބާދަގަނޑު ކަމަށް ވިދާޅުވެފައެވެ.
އޭރު އެ މަނިކުފާނު ވިދާޅުވީ، ބަންކަރިންއަކީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއިން 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށެވެ.