13 އަހަރުގެ ކުއްޖާ މަރާލައި ފޮއްޓަކަށްލުން: 17 އަހަރުގެ ކުއްޖާ 13 އަހަރަށް ކަރެކްޝަނަލް މަރުކަޒަކަށް

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު: އެ މައްސަލައިގައި 17 އަހަރުގެ ކުއްޖަކަށް ދައުވާ ސާބިތުވެ، 13 އަހަރަށް ކަރެކްޝަނަލް ފެސިލިޓީއަކަށް ލާން ވަނީ ހުކުމްކޮށްފައި --

ރަހީނުކޮށް މަރާލައި، ލަގެޖް ފޮއްޓަކަށް ލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ކުރި 17 އަހަރުގެ ކުއްޖާއަށް ކުރި ދައުވާތައް ސާބިތުވެ، 13 އަހަރަށް ކަރެކްޝަނަލް ފެސިލިޓީއަކަށް ލާން ހުކުމްކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނީ ޖޫން 22، 2021ގެ ދަންވަރު 02:00 ހާއިރެވެ.

އެ މައްސަލައިގައި ދައުވާކުރީ 17 އަހަރުގެ ކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާން، 27އ، މައްޗަށެވެ.

https://sun.mv/177374

އެ މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކުރިއެވެ.

އެ މައްސަލައިގައި ޖުވެނައިލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވާ ކަމަށް މިދިޔަ އަންގާރައިގައި ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާއި 10 މަހާއި ހަތް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ހުކުމްކުރިއެވެ. ނަމަވެސް، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާއި ހަތަރު މަހާއި ފަސް ދުވަސް ކަމަށް ހުކުމުގައިވެއެވެ.

13 އަހަރުގެ ކުއްޖާ މަރާލައިފައި އޮއްވާ ފެނުނު ސަރަހައްދު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މީގެ އިތުރުން، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމުގައިވެއެވެ.

އޭނާއަށް، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި ނުވަ ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ހުކުމުގައިވެއެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ހުކުމުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި އޭނާ ހައްޔަރުކުރިއިރު 17 އަހަރު ނަމަވެސް، މިހާރު ހުންނާނީ 21 އަހަރު ވެފައެވެ.

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޒިހާނުގެ ބައި އަދިވެސް އޮތީ ކްރިމިނަލް ކޯޓުގައި ކަމަށާއި އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ފަސް ދަޢުވާ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ތިން ދަޢުވާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ އިތުރުން ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން، އެ ކުއްޖާއާއެކު، މީހަކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އެ ދައުވާތަށް ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި 79 ޝަފަހީ ހެކި ހިމެނޭއިރު އޭގެ ތެރެއިން 16 މީހުންގެ ވަނަވަރު ވަނީ ސިއްރު ކޮށްފައެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަށް ސާބިތުވެއްޖެނަމަ 100އެއްހާ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތޭރަ އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަޚަމްތަކެއް ހުއްޓެވެ.

އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު، ހަށިގަނޑު ވަޅުލާފައިވަނީ ޖުލައި 12، 2021ގައެވެ.

comment ކޮމެންޓް