މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ގޮތާ ގުޅޭ މައްސަލަ ފެށުމާއެކު މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ވެސް ވެރިކަން ކުރާ ޕީއެންސީން ގެއްލުވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ގާނޫނީ ގޮތުން ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢީލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ނިންމުމެއް ނިންމުމަށް ހުރަސްއެޅުމުގެ ގޮތުން ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކައުންސިލަރަކާއި ހަވާލުކޮށްފައިވާ އެހެން ޒިންމާއެއް އަދާކުރުމަށް ދާންޖެހުމުގެ ސަބަބުން ނޫން ގޮތަކަށް، ސިޓީ ކައުންސިލްގެ ކޯރަމް ގެއްލުވާލުމުގެ ނިޔަތުގައި އެ ކައުންސިލްގެ ޖަލްސާތަކުގައި ކައުންސިލަރުން ބައިވެރިނުވުމަކީ، ގާނޫނާ ޚިލާފަށް ހިންގޭ އަމަލެއް ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމާއި، އެ މައްސަލަ ހިނގަމުންދާ ގޮތުގެ މައުލޫމާތު ސާފު ސީދާ ގޮތުގައި ރައްޔިތުންނަށް ހާމަކުރުމުގެ ގާނޫނީ ބާރު އޮތީ މޭޔަރުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި، ކައުންސިލް ހިނގަމުންދަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، ކައުންސިލްގެ ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީ ވުމަކީ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާއެއްކަން ގާނޫނުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލަކުން ނިންމާ ކޮންމެ ނިންމުމަކީ އެ ސިޓީއެއްގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަމެއް ކަމަށާއި، ކައުންސިލްގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ޖަލްސާތަކުގައި ބައިވެރިވުމަކީ ސިޓީ ކައުންސިލްގެ މެމްބަރުންގެ މަސްއޫލިއްޔަތެއްކަން ވެސް ގާނޫނުން އެނގެން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ގާނޫނުގައި ބަޔާންކޮށްފައި އޮތީ ކައުންސިލްގެ ހަރަކާތްތައް ހިނގަމުން ދަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށްތޯ ބެލުމާއި، ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޒިންމާއެއް ކަމަށެވެ. އަދި ކައުންސިލްގެ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުތައް ބަހައްޓާނަމަ، އެފަދަ ކައުންސިލަރުންނާއި މޭޔަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ވެސް ގާނޫނުން އެ އޮތޯރިޓީއަށް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު -- ފޮޓީ/ ސިޓީ ކައުންސިލް
ސިޓީ ކައުންސިލްގެ މޭޔަރަކަށް ކުރިން ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ގިނަ ބިންތައް ކުއްޔަށް ދޫކޮށްފައި ހުރީ އޭރެވެ.
މާލޭ ސިޓީ ކައުންސިލްގެ އެންމެ ފަހުން ބޭއްވި ދެ ޖަލްސާއަށް ވެސް ބިމުގެ މައްސަލަ އެޖެންޑާކުރިއެވެ. އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އެންމެ ފަހުން ބޭއްވި ދެ ޖަލްސާގައި ވެސް އެ މައްސަލައެއް ނުބެލުނެވެ. އެހެންވެ، އެ މައްސަލަ ނުބެލިފައި އޮންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
މިއަދުގެ ޖަލްސާއަށް ވެސް ބިމުގެ މައްސަލަ އެޖެންޑާކުރިއެވެ.
މިއަދުގެ ޖަލްސާ ފެށީ ޖުމުލަ 10 މެންބަރުންނާ އެކުއެވެ. އެއީ، ސީދާ ކޯރަމެވެ. އެއަށްވުރެ އެއް ކައުންސިލަރު މަދުވިޔަސް ކޯރަމް ގެއްލޭނެއެވެ. ފުރަތަމަ އޮތީ ކުރީގެ ޔައުމިއްޔާތައް ފާސްކުރުމެވެ. އަދި، ބިމުގެ ދަފުތަރަށް މި މަހު 20 އާ ހަމައަށް ލިބުނު ޝަކުވާތައް ބަލައިގަނެ، އޭގެ ފަހުން ލިބޭ ޝަކުވާ ބަލައިނުގަންނަން ނިންމުމެވެ.
އެއަށް ފަހު، ދެން އެޖެންޑާކޮށްފައި އޮތީ ދަފުތަރުގައި ހިމަނާފައިނުވާ އެއްބަސްވުންތަކާމެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމެވެ.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: ކައުންސިލްގެ ކޯރަމް ހަމަނުވާތީ ބިމުގެ މައްސަލަ ވަނީ ނުބެލިފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އެކަމަކު، އެ އައިޓަމަށް ދިއުމާ އެކު ޕީއެންސީއަށް ނިސްބަތްވާ ދެ ކައުންސިލަރުން ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ. އެއީ، ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމާއި ތަޅުމުގައި އިންނެވި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޒިމްއެވެ.
އެހެންވެ، ކައުންސިލް ޖަލްސާގެ ކޯރަމް ގެއްލި، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ރިޔާސަތުގައި އިންނެވި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ޖަލްސާ ދެ ފަހަރެއްގެ މަތިން މެދުކަނޑާލައިގެން ވެސް ޖަލްސާގެ ކޯރަމް ހަމަކުރެއްވޭތޯ ބައްލަވާފައެވެ. އެކަމަކު، ކޯރަމް ހަމަނުވުމުން ވަޑައިގެން ތިއްބެވި ކައުންސިލަރުންނަށް ޝުކުރު އަދާކުރެއްވުމަށް ފަހު، ޖަލްސާ ނިންމަވާލެއްވީއެވެ.
މާލެ ސިޓީ ކައުންސިލްގައި ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީގައެވެ. އެގޮތުން، 18 ކައުންސިލަރުންގެ ތެރެއިން 14 ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށް ކަމަށްވާއިރު، ތިން ކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. މި ވަގުތު ކައުންސިލްގައި މިނިވަން މެންބަރަކަށް ހުންނެވީ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ ޢަލީ އެކަންޏެވެ.
މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.
އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ގޮތުން ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.