ތިންވަނަ ޖަލްސާ: ބިމުގެ މައްސަލަ ފެށުމާ އެކު ޕީއެންސީން މިއަދު ވެސް ކޯރަމް ގެއްލުވާލައިފި

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: ކައުންސިލްގެ ކޯރަމް ހަމަނުވާތީ ބިމުގެ މައްސަލަ ވަނީ ނުބެލިފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރިގޮތާ ގުޅޭ މައްސަލަ ފެށުމާއެކު މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ވެސް ވެރިކަން ކުރާ ޕީއެންސީން ގެއްލުވާލައިފިއެވެ.

ސިޓީ ކައުންސިލްގެ މޭޔަރަކަށް ކުރިން ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ގިނަ ބިންތައް ކުއްޔަށް ދޫކޮށްފައި ހުރީ އޭރެވެ.

މާލޭ ސިޓީ ކައުންސިލްގެ އެންމެ ފަހުން ބޭއްވި ދެ ޖަލްސާއަށް ވެސް ބިމުގެ މައްސަލަ އެޖެންޑާކުރިއެވެ. އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އެންމެ ފަހުން ބޭއްވި ދެ ޖަލްސާގައި ވެސް އެ މައްސަލައެއް ނުބެލުނެވެ. އެހެންވެ، އެ މައްސަލަ ނުބެލިފައި އޮންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މިއަދުގެ ޖަލްސާއަށް ވެސް ބިމުގެ މައްސަލަ އެޖެންޑާކުރިއެވެ.

މިއަދުގެ ޖަލްސާ ފެށީ ޖުމުލަ 10 މެންބަރުންނާ އެކުއެވެ. އެއީ، ސީދާ ކޯރަމެވެ. އެއަށްވުރެ އެއް ކައުންސިލަރު މަދުވިޔަސް ކޯރަމް ގެއްލޭނެއެވެ. ފުރަތަމަ އޮތީ ކުރީގެ ޔައުމިއްޔާތައް ފާސްކުރުމެވެ. އަދި، ބިމުގެ ދަފުތަރަށް މި މަހު 20 އާ ހަމައަށް ލިބުނު ޝަކުވާތައް ބަލައިގަނެ، އޭގެ ފަހުން ލިބޭ ޝަކުވާ ބަލައިނުގަންނަން ނިންމުމެވެ.

https://sun.mv/215132

އެއަށް ފަހު، ދެން އެޖެންޑާކޮށްފައި އޮތީ ދަފުތަރުގައި ހިމަނާފައިނުވާ އެއްބަސްވުންތަކާމެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމެވެ.

އެކަމަކު، އެ އައިޓަމަށް ދިއުމާ އެކު ޕީއެންސީއަށް ނިސްބަތްވާ ދެ ކައުންސިލަރުން ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ. އެއީ، ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމާއި ތަޅުމުގައި އިންނެވި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޒިމްއެވެ.

އެހެންވެ، ކައުންސިލް ޖަލްސާގެ ކޯރަމް ގެއްލި، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ރިޔާސަތުގައި އިންނެވި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ޖަލްސާ ދެ ފަހަރެއްގެ މަތިން މެދުކަނޑާލައިގެން ވެސް ޖަލްސާގެ ކޯރަމް ހަމަކުރެއްވޭތޯ ބައްލަވާފައެވެ. އެކަމަކު، ކޯރަމް ހަމަނުވުމުން ވަޑައިގެން ތިއްބެވި ކައުންސިލަރުންނަށް ޝުކުރު އަދާކުރެއްވުމަށް ފަހު، ޖަލްސާ ނިންމަވާލެއްވީއެވެ.

މާލެ ސިޓީ ކައުންސިލްގައި ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީގައެވެ. އެގޮތުން، 18 ކައުންސިލަރުންގެ ތެރެއިން 14 ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށް ކަމަށްވާއިރު، ތިން ކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. މި ވަގުތު ކައުންސިލްގައި މިނިވަން މެންބަރަކަށް ހުންނެވީ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ ޢަލީ އެކަންޏެވެ.

މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.

އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ގޮތުން ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.

https://sun.mv/214488

އެ ސިޓީގައި ވަނީ ވަރަށް ފަހުން އެ ކައުންސިލުން އާންމުކުރި މާލޭގެ ބިންތަކުގެ ތަފުސީލުތައް ހުރި ލިސްޓުގައި ކުށް ހުރި ކަމަށާއި ފުރިހަމަނުވާ މައުލޫމާތު ހުރިކަމަށެވެ.

މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެ ގޮތުން، މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއް ނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ނުބޭއްވުނެވެ.

އެހެންނަމަވެސް، އެ މައްސަލައިގައި ޕީއެންސީގެ ކައުންސިލަރުންގެ ޝާމިލުވުމެއް އޮތްކަން ފާހަގަނުވާ ކަމަށް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރު އާޒިމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް