ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް އައިސްފައިނުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ކުރައްވަން ބޭނުންވެވަޑައިނުގަންނަވާތީ ކަމަށާއި، ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ރޭ ވިދާޅުވީ، ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރުމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ކައުންސިލާއެކު މަޝްވަރާކުރި ނަމަވެސް، ޚިދުމަތްތަކާ ހަވާލުވާން ކައުންސިލުން އެއްބަސްނުވީ ކަމަށެވެ.
އެހެންވެ، އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ދެނީ ވަގުތީގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވުމާ ގުޅިގެން 'އެކްސް'ގައި ރައީސަށް ރައްދުދެއްވައި ޢާޒިމް ލިޔުއްވާފައިވަނީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލާ ހަވާލުކުރުމަށް އެކުލަވާލާފައިވާ ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތް ކުރުމަށް، ކަމާ ގުޅުންހުރި ފަރާތްތަކުން ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެ، އެ މަސައްކަތް އަވަސްކޮށްދޭން ކައުންސިލުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ އިސް ބޭފުޅުން ކޮމިޓީ ބައްދަލުވުމެއްގައި --- ފޮޓޯ: މަޖިލިސް
ޢާޒިމް ހިއްސާކުރެއްވި ޓައިމްލައިންގައިވާ ގޮތުން، މިދިޔަ އަހަރުގެ ކުރީކޮޅު އެ މަސައްކަތަށް ކައުންސިލުން ސަބްކޮމިޓީތަކެއް ހަދަން ނިންމައި، ކައުންސިލާ މުނިސިޕަލް ޚިދުމަތްތައް ހަވާލުކުރަން ޓައިމްލައިނެއް ދިނުމަށް އެޗްޑީސީގައި އެދިފައިވާނެއެވެ.
އެއަށްފަހު އެކަމަށް ބަޖެޓު ކަނޑައެޅުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާ ކައުންސިލުން ބައްދަލުކޮށް، އެ މަހުގެ 11ވަނަ ދުވަހު ރައީސާ މަޝްވަރާކޮށްފައިވާނެ ކަމަށް ޢާޒިމް ލިޔުއްވާފައިވެއެވެ. އަދި ހަމަ އެ މަހުގެ 25ވަނަ ދުވަހު މުނިސިޕަލް ޚިދުމަތްތައް ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް އެޗްޑީސީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް ޢާޒިމް ލިޔުއްވިއެވެ.
އޭގެ ފަހުންވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭ އެޗްޑީސީއާއެކު އެކަމާ ގުޅޭ މަޝްވަރާކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބައްދަލުވުމަކަށް އެދިފައިވާނެ ކަމަށްވެސް، އޭނާ ލިޔުއްވި ޕޯސްޓުގައިވެއެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ވެސް ބޭނުންވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް، މިއަދާ ހަމައަށް ވެސް މި ކަމަށް އަމަލީ ސިފަ ނައިސްގެން އުޅެނީ، ސީދާ ރައީސް ޑރ. މުޢިއްޒު އެ ކަން ކުރައްވަން ބޭނުންފުޅު ނުވެގެން،" ޢާޒިމް ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަދެކެވުނީ 2022ވަނަ އަހަރުގެ ކުރީކޮޅު، މިހާރުގެ ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރެވެ. ކައުންސިލުން އޭރު ވަނީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ހަވާލުވުމަށް ރައީސް އޮފީހަށް ޕްރޮޕޯސަލް ހުށަހަޅަން ނިންމައިފައެވެ.
މި ސަރުކާރު ހަވާލުވިތާ ތިން ދުވަހުގެ ތެރޭ، ހުޅުމާލެ ހިމެނޭހެން މާލެއާއި ވިލިމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއް ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެކަމާ ގުޅޭ އެމްއޯޔޫގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ސޮއިކުރިއެވެ.
އޭރު ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެމްއޯޔޫގެ ދަށުން އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ތެރެއިން އެޗްޑީސީން ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތައް، އެ ދުވަހުން ފެށިގެން އެއް މަސް ދުވަސް ތެރޭ ހުއްޓައިލަންވާނެ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ދެ އަހަރުވާން ގާތްވެފައިވާއިރު، ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ނިމިފައިނުވެއެވެ.
މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢާޒިމް އޭރު ތުހުމަތުކުރެއްވި ގޮތުގައި އެޗްޑީސީގެ ދަށުން ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުނުކުރަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތް ދޭން ބޭނުންނުވާތީއެވެ.
އޭނާ އޭރު ވިދާޅުވީ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހަވާލުވިފަހުންވެސް މިކަމާ މެދު މަޝްވަރާކުރުމަށް ސިޓީއެއް ފޮނުވި ނަމަވެސް، ސިޓީ ކައުންސިލަށް ޖަވާބެއް ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އަދިވެސް ހަވާލުވާން ތައްޔާރަށް،" 'ސަން'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ އޭރު ވިދާޅުވިއެވެ.
މިކަމުގައި 'ސަން'އިން މީގެ ކުރިން ސުވާލުކުރުމުން ހުޅުމާލޭގެ ކައުންސިލަރު އަލީ އައިމަން ވިދާޅުވީ، ކައުންސިލްގެ ދަށަށް މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތީ މި ސަރުކާރުގައި އެޗްޑީސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވި ހިސާބުން ކަމަށެވެ.
އޭގެ ފަހުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ މުހައްމަދު މައުރޫފް ޖަމީލު ހަވާލުވިފަހުން ވެސް އެ ވާހަކަ ދެކެވުނު ކަމަށް އައިމަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުމަކީ އެޗްޑީސީގެ 300އެއްހާ މުވައްޒަފުން ކައުންސިލަށް ބަދަލުކުރަންޖެހޭ ޖެހުމެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.