ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފޯރުކޮށްދޭ ރަށްވެެހިކަމުގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެޗްޑީސީއާ މާލެ ސިޓީ ކައުންސިލާއި ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީޤެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އެމްއޯޔޫގެ ދަށުން އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ތެރެއިން އެޗްޑީސީއިން ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތައް މިއަދުން ފެށިގެން އެއް މަސް ދުވަސް ތެރޭ ހުއްޓައިލަންވާނެ ކަމަށެވެ.
މިއަދުން ފެށިގެން 12 މަސްދުވަހުގެ މުއްދަތަށް ކައުންސިލުން އެއްވެސް އަގެއް ނެގުމަކާނުލައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތަށް ބޭނުންވާނެ ވޯކް ސައިޓާއި އޮފީސް ސްޓޭމްޕްސް އެޗްޑީސީއިން ސިޓީ ކައުންސިލަށް ބޭނުންކުރުމަށް ދޫކުރުމަށް އެއްބަސްވެފައިވާކަމަށް އެ ބަޔާނުގައިވެއެވެ.
އޭގެފަހުން އެ ޚިދުމަތް ފޯރުކޮށްދޭނީ މާލެ ސިޓީ ކައުންސިލްގެ ދަށުން ކަމަށް އެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު މިިނިސްޓްރީން ބުނީ، މި އެމްއޯޔޫގެ ދަށުން އެޗްޑީސީގައި ރަށްވެހިކަމުގެ ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނާއި، އެ ޚިދުމަތާއި ގުޅޭ ގޮތުން ތަރައްގީކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި އެ ކަމާއި ގުޅޭ ވެހިކަލްތަކާއި ޓޫލްސްގެ އިތުރުން އެކުއިޕްމަންޓްސް މާލެ ސިޓީ ކައުންސިލާއި ހިއްސާކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭ ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. އެ ކަން ތަންފީޒުކުރުމަށް ޓަކައި މިހާރު ކުރަމުން އަންނަނީ އިދާރީ މަސައްކަތްތަކެވެ.
މިހާރު ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މުނިސިޕަލް ޚިދުމަތްތައް ދެނީ އާބަންކޯއިންނެވެ.