ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރި ނަމަވެސް އެ ޚިދުމަތާއެކު ސިޓީ ކައުންސިލަށް ބަދަލުކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ކުޑަނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް ސާފުކުރައްވައި އެކްސްގައިި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުއިއްޒު ވަނީ އެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި ނަމަވެސް އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަނުކުރާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
"އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އަރުވަން ބޭނުން ވަނީ، އެއްވެސް މުވައްޒަފަކަށް، މުސާރަ، އިންޝުއަރެންސް، ނުވަތަ މިހާރު ލިބޭ އެހެނިހެން އިނާޔަތްތައް، އެއް އަހަރު ފާއިތުވެގެން ދާއިރު ވެސް ދަށްކުރަން މަޖުބޫރުވެގެން ނުދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ކަމަށް އެކަށީގެންވާ މެކޭނިޒަމެއް ސަރުކާރުން ތަންފީޒުކުރައްވާނެ ކަމަށެވެ.
އެޗްޑީސީން ފޯރުކޮށްދޭ ރަށްވެެހިކަމުގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެޗްޑީސީއާ މާލެ ސިޓީ ކައުންސިލާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ.
މި އެމްއޯޔޫގެ ދަށުން އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ތެރެއިން އެޗްޑީސީއިން ހުޅުމާލޭގައި ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތައް އިއްޔެއިން ފެށިގެން އެއް މަސް ދުވަސް ތެރޭ ހުއްޓައިލަން ޖެހެއެވެ.
އަދި 12 މަސްދުވަހުގެ މުއްދަތަށް ކައުންސިލުން އެއްވެސް އަގެއް ނެގުމަކާނުލައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތަށް ބޭނުންވާނެ ވޯކް ސައިޓާއި އޮފީސް ސްޓޭމްޕްސް އެޗްޑީސީއިން ސިޓީ ކައުންސިލަށް ބޭނުންކުރުމަށް ދޫކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭ ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. އެ ކަން ތަންފީޒުކުރުމަށް ޓަކައި މިހާރު ކުރަމުން އަންނަނީ އިދާރީ މަސައްކަތްތަކެވެ.
މިހާރު ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މުނިސިޕަލް ޚިދުމަތްތައް ދެނީ އާބަންކޯއިންނެވެ.