ހުޅުމާލޭގެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފިއެވެ.
މިހާތަނަށް ހުއްދަދީފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ، 'ރެޒިޑެންޝަލް ޕްލޮޓް'ތަކުގައި އެންމެ އުސްކޮށް ހަތް ބުރިއަށް އިމާރާތްކުރުމަށް އެކަންޏެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ގޯތިތަކުގެ އިމާރާތުގެ އުސްމިނަކީ ތަނުގެ ޕްލޭނާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.
މިގޮތުން، ތަނެއް އާބާދުވާއިރު، އެ ތަނެއްގެ ލޭންޑު ޔޫސް ޕްލޭނަށް އަންނަ ބަދަލަކުން ސިޔާސަތާ އެއްގޮތަށް އިންފްރާންސްޓަކްޗާ ވެސް ސަރުކާރުން ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެނީ ---- ފޮޓޯ/ ރައީސް އޮފީސް
[ހުޅުމާލޭގެ] ދެ ފިޔަވަހިން ދޫކޮށްފައިވާ، ދެ ފިޔަވަހީގައި ވެސް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން އަޅުގަނޑު ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލު ކޮށްދޭނަންރައީސް ޑރ. މުހައްމަދު މުއިއްޒު
އެ ނިންމެވުމުގެ އިތުރު ތަފުސީލު ދެއްވައި، ރައީސް ވިދާޅުވީ، އިމާރާތް 10 ބުރިއަށް ނަގާނަމަ، އެންމެ ތިރީ ފްލޯ ޕާކިންއަށް ޚާއްސަކުރަން މަޖުބޫރުވާނެ ކަމަށެވެ. އެ ފްލޯގެ އިތުރު ދެ ފްލޯއެއް ނޮން ރެޒިޑެންޝަން ބޭނުމަށް ޚާއްސަ ކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އާމްދަނީ ލިބޭނެ ގޮތަކަށް ބޭނުން ކުރުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭއިރު، 'ތޮއްޖެހިގެން' މާލެ ސަރަހައްދުގައި އެތައް އާއިލާ އުޅެއެވެ. އެ އާއިލާތަކުން ގެންގުޅޭ ވެހިކަލްތަކުން މަގުތައް ފުރިފައި އޮންނައިރު، ޕާކު ކުރާނެ ތަނެއް ނޯވެއެވެ.
އެ މައްސަލައަށް ހައްލެއް ގެނައުމަށް އަޅާ 15 ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މި މަހު ކުރީކޮޅުގައި ވަނީ ވިދާޅުވެފައެވެ.
އޮގަސްޓު 13، 2023ގައި އޭރުގެ އާބަންކޯ ނުވަތަ މިހާރުގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ، ހުޅުމާލޭގައި މީހުން ދިރިއުޅޭ ގެތައް، 10 ބުރިއަށް އުސްކުރުމުގެ ހުއްދަ ދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ ޢިމާރާތްތައް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ވަނީ މިދިޔަ އަހަރު ދީފައެވެ.