ހުޅުމާލޭގައި މީހުން ދިރިއުޅޭ ގެތައް 10 ބުރިއަށް އުސްކުރުމުގެ ހުއްދަ ދީފި

ހުޅުމާލޭގެ ފުލެޓުތަކެއް --- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި މީހުން ދިރިއުޅޭ ގެތައް، 10 ބުރިއަށް އުސްކުރުމުގެ ހުއްދަ އާބަންކޯއިން ދީފިއެވެ.

މިހާތަނަށް ހުއްދަދީފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ، 'ރެޒިޑެންޝަލް ޕްލޮޓް'ތަކުގައި އެންމެ އުސްކޮށް ހަތް ބުރިއަށް އިމާރާތްކުރުމަށް އެކަންޏެވެ.

އާބަންކޯ އިން މިރޭ ބުނީ، 31 މީޓަރަށް ނުވަތަ 10 ބުރިއަށް އުސްކޮށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަދޭން މިއަދު ނިންމާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ 15 މީޓަރަށް ވުރެ އުސްވެއްޖެ ނަމަ ލިފްޓް ހަރުކުރަން ޖެހޭނެ ކަމަށެވެ.

"ޓެރަސްއާ ހަމައިން ގިނަވެގެން ހަތަރު މީޓަރަށް ލިފްޓްގެ މެޝިން ރޫމު ހުންނަން ޖެހޭނެ،" އާބަންކޯގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަ ތަންތަން އިމާރާތްކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި މަދުވެގެން ދެ ސައިކަލް ޕާކު ކުރާނެ ޖާގަ، ދެ ކޮޓަރީގެ ކޮންމެ އެޕާޓްމެންޓަކަށް ކަނޑައެޅުން ހިމެނެއެވެ.

އެއް ކޮޓަރީގެ ކޮންމެ އެޕާޓްމެންޓަކަށް އެއް ސައިކަލު ޕާކު ކުރާނެ ޖާގަ ކަނޑައަޅަން ވެސް ވަނީ ލާޒިމްކޮށްފައެވެ.

މީގެއިތުރުން ސައިކަލު ޕާކިން ސައިޒުގެ ގޮތުގައި މަދުވެގެން 2x0.8 މީޓަރު ކަނޑައަޅާފައިވާއިރު، ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 4.8x2.5 މީޓަރެވެ.

comment ކޮމެންޓް