ބޮޑު ޚަރަދެއް ކުރި، ހަނިމާދޫ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ފަށާނެ ސީދާ ތާރީޚެއް ނޭނގޭ

ހަނިމާދޫ އެއާޕޯޓު: އެމްއޭސީއެލުން ބުނީ އަދި ބޭރު ފްލައިޓްތައް ޖައްސަން ފަށާނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށް -- ފޮޓޯ/ އެމްއޭސީއެލް

ބޮޑު ޚަރަދެއްކޮށްގެން މިދިޔަ މަހު ހުޅުވި، ހދ. ހަނިމާދޫ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖައްސަން ފވަރަށް އަވަހަށް ފަށާނެ ކަމަށާއި އެކަމަކު ސީދާ ތާރީޚެއް ނޭނގޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

ބޮޑެތި ފްލައިޓުތައް ޖެއްސޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު، ހަނިމާދޫ އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވީ މިދިޔަ ނޮވެންބަރު މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. އެކަމަކު، އަދި ބައިނަލްއަގުވާމީ ފްލައިޓްތަކުގެ އޮޕަރޭޝަންތައް ހަނިމާދޫ އެއާޕޯޓުގައި ނުފަށައެވެ.

މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެމްއޭސީއެލުން މިއަދު ބުނީ، މިހާރު ކުރިއަށް ދަނީ ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކޮމާޝަލް ކަންތައްތައް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވަން ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގެންނެވީ، A320ގެ މަރުކާގެ މަތިންދާ ބޯޓެއްގައި -- ފޮޓޯ/ އެމްއޭސީއެލް

ބައިނަލްއަގުވާމީ ފްލައިޓްތަކުގެ އޮޕަރޭޝަންތައް ފެށުމުގެ ކުރިން މާކެޓު އޮންނަ ގޮތާއި، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައާޓާ)ގެ މިންގަނޑަށް ފެތޭތޯ، މި ހުރިހާ ކަމެއް ބަލަން ޖެހޭނެއެވެ.

"އެ ޕްރޮސެސްއަށް ނަގާ ވަގުތުކޮޅެއް، އެކަމަކު ހީވަނީ ވީހާ ވެސް އަވަހަކަށް އެކަން ފަށާނެހެން،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް, ސީދާ ތާރީޚެއް ދަންނަވަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލަކާ އެކީގައެވެ.

https://sun.mv/213678

އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލެއް ވަނީ ތަރައްގީކޮށްފައެވެ.

އޭގެ އިތުރުން، މި އެއާޕޯޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ ކުރެހުންތައް ހިމަނާފައިވެއެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ރިސޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ.

ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ. އެހެންކަމުން، ހަނިމާދޫގައި ތަރައްގީކުރި މި އެއާޕޯޓުގެ ސަބަބުން އުތުރުގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އުތުރުގައި ކުޅުދުއްފުއްޓާއި އިހަވަންދޫ ފަދަ ވިޔަފާރި ހަބްތައް އޮންނައިރު، ވައިގެ ދަތުރުފަތުރު ފުޅާވުމުން ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް ވެސް އެތައް ފައިދާއެއް ލިބޭނެއެވެ.

comment ކޮމެންޓް