ޕެންޝަން ފަންޑަށް ގަވައިދުން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުދައްކާ އެބަތިބި ކަމަށާއި ކުރިއަށް އޮތް އެއް އަހަރުތެރޭ އެ ފައިސާ އަނބުރާ ހޯދާނަން ކަމަށް، ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން އިއްޔެ ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" ނިންމަވައިލެއްވުމަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ޔަޒްމީދު ވިދާޅުވީ ޕެންޝަން ފައިސާ ނުދައްކާ ގިނަ ފަރާތްތަކެއް މިހާރު ވެސް އެބަ ތިބި ކަމަށާއި، ނަމަވެސް އެ ފައިސާ އެއްކުރެވެނީ މުހިއްމު ބޭނުމެއްގައި ކަމުން އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާކުރެވެން ޖެހޭ ކަމަށެވެ.
ޔަޒްމީދު ވިދާޅުވީ ޕެންޝަން ފަންޑަށް 90 މިލިއަނަށް ވުރެ ގިނަ ފައިސާ އަދިވެސް ނުލިބި އެބައޮތް ކަމަށާއި އެއް އަހަރު ދުވަހުގެތެރޭ ފައިސާ ހޯދުމަށްޓަކައި ވިސްނުންތަކެއް ގެންގުޅެ، އެ ފައިސާ އަނބުރާ ހޯދާނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ވިސްނުމަކީ އިތުރު އިންވެސްޓްމަންޓުތައް އަމިއްލައަށް ހޯދައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެތެރޭ ޕެންޝަން ފަންޑުގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ. ވޭތުވެދިޔަ 17 އަހަރު ޕެންޝަން ފަންޑު ހުރީ 30 ބިލިއަން ރުފިޔާގައި ކަމަށް ވެސް ޔަޒްމީދު ވިދާޅުވިއެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއް ވެސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް އެ ފައިސާ ޖަމާކުރަން ޖެހޭނެއެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިގެ މަދުވެގެން ހަތް އިންސައްތަ ވަޒީފާ އަދާކުރާ ފަރާތުން އަދި މަދުވެގެން ހަތް އިންސައްތަ ވަޒީފާދޭ ފަރާތުން ޖަމާކުރަން ގާނޫނުން ލާޒިމްކުރެއެވެ.