ހިރިމަރަދޫ މީހުން ބައިތިއްބާފައި ތިބީ "ވާނުވާ" ގައި ކަމަށް ބުނެ އެމްޑީޕީން އެޗްއާރުސީއެމަށް

ހދ. ހިރިމަރަދޫ މަތިން ފެންނަ ގޮތް:--- ފޮޓޯ: ޒުވާން މަސްވެރިޔާ

ހދ. ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައި ނުދެވެނީސް އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅުމުން، އެ ރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބި "ވާނުވާ" ގައި ތިބި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފިއެވެ.

ހިރިމަރަދުއަކީ ފަޅު ރަށެއް ކަމަށް ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަހައްޓާނީ ހަނިމާދޫ ކައުންސިލުންނެވެ.

އެހެން ނަމަވެސް އެމްޑީޕީން ބުނާ ގޮތުގައި އެކަން އެގޮތަށް ނުހިނގާ ކަމަށާއި، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ފެކްޓް ފައިންޑިން މަސައްކަތްތަކެއް ކޮށް، ހޯދި ހޯދުންތައް އެޗްއާރުސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް އެޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ

"އަޅުގަނޑުމެން އެދުނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބެލުމަށް. ތިންސަތޭކައަށް ވުރެ ގިނަ ރައްޔިތުން މިހާރު ވެސް އެތަނުގައި އެބަ ދިރިއުޅޭ. އެހެން ނަމަވެސް، ބެލެނިވެރި ފަރާތެއް ކަމަށް ހަނިމާދޫ ކައުންސިލް ގަރާރުގައި އޮތް ނަމަވެސް އެކަން އެގޮތަކަށް ނުހިނގާ،" ނިޔާޒު ވިދާޅުވިއެވެ.

https://sun.mv/224742

ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން 18 މަސް ތެރޭގައި ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި ވިދާޅުވީ، އެ މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށެވެ. ހަނިމާދޫ ކައުންސިލުން ވަނީ އެ ރަށުން ހިރިމަރަދޫ މީހުންނަށް ބިން ދޭން އުޅޭ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.

އެމްޑީޕީން އެދެނީ ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކުރުމަށެވެ.

https://sun.mv/219357

އަދި އެ ގަރާރު ބާތިލުކޮށް ހިރިމަރަދޫގައި އަލުން ކައުންސިލެއް އިންތިހާބު ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ. ނިޔާޒު ވިދާޅުވީ 18 މަސްދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް އެޅުމަކީ ނުވާނެ ކަމެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

ހިރިމަރަދުއަކީ ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

comment ކޮމެންޓް