މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، އޮރެންޖު އެލާޓް ނެރެފި

ވައި ނުސާފު ދުވަހެއްގައި ވިލާތައް ފެންނަ ގޮތް: މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، އޮރެންޖު އެލާޓް ނެރެފި ---- ފޮޓޯ/ މައުމަން، އެކްސް

ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދަށް ވައި ނުސާފުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އޮރެންޖު އެލާޓު ނެރެފިއެވެ.

ވައިގެ ސާފުކަން ދައްކައިދޭ އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލޭގައި ޔޫއެސް އައިކިއުއައި ހުރީ 117ގައެވެ. އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 42 މައިކްރޯގްރާމްގައެވެ.

ވިލިމާލޭގައި ޔޫއެސް އައިކިއުއައި ހުރީ 155ގައި ނުރައްކަލުގެ ރަތް ސަމާލު ލެވެލްގައެވެ.

އެހެންވެ، އިއްޔެ އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު ކަމަށް ބުނެ، އޮރެންޖު ސަމާލު ނެރެފައެވެ.

އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން އެހެންވެ، އެ އެޖެންސީ ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ވަނީ، ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލަން އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދަށް ވައި ނުސާފުވުމުން އޮރެންޖު އެލާޓު ނެރުނުއިރު، ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބަހެެ ގައުމީ އިދާރާއިން ވަނީ އިއްޔެ ބުނެފައެވެ.

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.

https://sun.mv/215165

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އެ ގޮތަށް ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް