ރާއްޖެއަށް މިއަދުން ފެށިގެން ވައި ސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މީގެ ކުރިން ލަފާކޮށްފައިވީ ނަމަވެސް، އަދިވެސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކަށް ނުރައްކާ މިންވަރަށް ވައި ނުސާފު ކަމަށް ދައްކައިފިއެވެ.
ވައި ސާފު މިންވަރު ބުނެދޭ, އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، މިއަދު މާލެ ސަރަހައްދުގައި ވައި ނުސާފު މިންވަރު 101 ޔޫއެސް އައިކިޔުއައިގައި ހުރިއިރު، އައްޑޫ ސިޓީގައި އެ އަދަދު ވަނީ 112އަށް އަރައިފައެވެ. ދެ ސަރަހައްދަށް ވެސް އެއީ އޮރެންޖް އެލާޓެވެ. އޭގެ މާނައަކީ ސިއްހީ ގޮތުން ނާޒުކު މީހުންނަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފެވެ.
އެ ވެބްސައިޓުން ދައްކާ ގޮތުގައި، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 ރާއްޖޭގައި ހުރީ، ކޮންމެ ކިއުބިކް މީޓަރަކަށް 36 މައިކްރޯގްރާމްގައެވެ. އެއީ، އެ އަދަދު ހުންނަން ޖެހޭ ރައްކާތެރި މިންވަރަށް ވުރެ 7.2 ގުނަ އިތުރު އަދަދެކެވެ.
ރާއްޖޭގެ އެހެން ސަރަހައްދުގައި ވައި ނުސާފު މިންވަރު ހުރީ، އޮރެންޖު އެލާޓަށް ވުރެ އެއް ލެވެލް ދަށުގައި، ޔެލޯ އެލާޓްގައެވެ.

މާލެ ސަރަހައްދަށް ވައި ނުސާފުވެފައި: މިއަދު ވެސް މުޅި ރާއްޖެއަށް ވައި ނުސާފު -- ސަން ފޮޓޯ/ އަހުމަދު އިޔާދު
ރާއްޖޭގައި ވައި ނުސާފުވެފައި ހުންނަތާ ދުވަސްތަކެއް ވެފައިވާއިރު، އިއްޔެ މެޓް އޮފީހުން ބުނެފައި އޮތީ، މިއަދުން ފެށިގެން ވައިގެ ސާފުމިން ރަނގަޅުވާން ފަށާނެ ކަމަށެވެ.
އެ އޮފީހުން މިއަދު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، މިއަދު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ނުސާފެވެ. އެގޮތުން މާލެ ސަރަހައްދުގައި ދުރު ފެންނަ މިންވަރު ހުރީ ތިން ކިލޯމީޓަރަށް ކަމަށް އެ އޮފީހުން ބުންޏެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެވެސް މިންވަރަކަށް ވައި ސާފުވާނެ ކަމަށް އަދިވެސް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ވައި ނުސާފު ވަނީ ވައިގެ މިސްރާބު ހުރި ގޮތުން ކަމަށެވެ.
"ބޮޑަށް އިންޑިއާ، ބަންގްލަދޭޝް ބޭ އޮފް ބެންގާލް މި ދިމާލުން މި ވައި އަންނަނީ،" އެ އޮފީހުން މައުލޫމާތު ދިނެވެ.
ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.