މިއަދު ވެސް ވައި ނުސާފު ވާނެ ކަމަށާއި، ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 147 އަށްވުރެ މަތީގައެވެ. އެއީ ނާޒުކު މީހުންނަށް ސިއްހަތަށް ގެއްލުންވާ މިންވަރަށެވެ.
ކުޅުދުއްފުށި ސިޓީގައި ވައިގެ ކޮލެޓީ 155 ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެކެވެ.
އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު:
- އައްޑޫ ސިޓީ: 84 - މެދުމިން
- ފުވައްމުލަކު ސިޓީ: 71 - މެދުމިން
- ތިނަދޫ ސިޓީ: 66 - މެދުމިން
މެޓް އޮފީހުން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކޮންމެވެސް މިންވަރަކަށް މިއަދު ދުންފުހުގެ އަސަރު ރަނގަޅެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ގޯސް ކަމަށް އެ އޮފީހުން މައުލޫމާތުދިނެވެ.
އެ އޮފީހުން ބުނި ގޮތުގައި މިއަދު މާލެއަށް ދުރު ފެންނަ ވަރު ތިން ކިލޯމީޓަރުގައި ހުރިއިރު ހދ. ހަނިމާދޫއަށް ހަތަރު ކިލޯމީޓަރު ދުރު ފެނެއެވެ. އަދި ކައްދޫ، ކާޑެއްދޫ ހިސާބަށް ދުރު ފެންނަ ވަރު އުޅެނީ ނުވަ ކިލޯމީޓަރު ދުރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން ދުންފުހުގެ އަސަރު ސާފުވާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް މިއަދާއި މާދަމާ އަދި ގޯސްވެދާނެ ކަމަށް އެ އޮފީހުން ލަފާކުރިއެވެ.
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.
"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.