މި ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށާފައިވާ ކަމަށާއި ހޫނުމިން އެންމެ މަތިވާނީ މެންދުރު 2:00ގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގައެވެ.
މެޓުން މިއަދު ބުނީ، މި ދުވަސްވަރު ވިލާ މަދުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފެހެއްޓިފައި ހުންނަ ކަމަށެވެ. ދުވާލުގެ ހޫނުމިން މައްޗަށްދާ މިންވަރާއި ރޭގަނޑު ފިނިކަން ދަށްވާ މިންވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެހެންވެ، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާ ކަމަށް މެޓުން ބުނެފައިވެއެވެ.
ހޫނު ދުވަހެއްގައި ބަޔަކު މަގުމަތީގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މިގޮތުން، އަންނަ މަހު އާންމުކޮށް ހުންނަ ވަރަށް ވުރެ، ފިނި ހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ލަފާކުރިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރު 2:00ގައެވެ.
މިއަދުގެ ހޫނުމިނަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތީގައި ހުރީ، މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުން ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައި ކަމަށް މެޓުން، 11:00ގައި އާންމުކުރި ރެކޯޑުތަކުން އެނގެއެވެ.
އުތުރުން ހަނިމާދޫގައި ހޫނުމިން ހުރީ، 34.9 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު، ކައްދޫގައި އެ އަދަދު ހުރީ 34.2 ޑިގްރީ ސެލްސިއަސްގައެވެ. އަދި، މިއަދު ލ. ގަމަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 34.5 ޑިގްރީ ސެލްސިއަސްގައެވެ.
އިހުސާސް ކުރެވޭ ހޫނު މިން މައްޗަށް ދާން ފަށާފައިވާއިރު، މި ދުވަސްވަރަކީ ރޯދަ މަހަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.