85 ޒުވާނުންނާއެކު ހެކަތޯން ފަށައިފި، އެއް ވަނައަށް އެއްލައްކަ ރުފިޔާ

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތު މިނިސްޓްރީން ބާއްވާ, ޔޫތު ހެކަތޯން ރޭ ފަށައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނިގޮތުގައި މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ މި އަހަރު ބައިވެރިވެފައެވެ. މި ހަރަކާތަކީ ތިން ދުވަހަށް ދެމިގެންދާ ހަރަކާތެކެވެ. ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު ހަތަރު ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މި އަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވުމުން ފެނިގެންދަނީ ޒުވާނުން މިކަމަށް ހުރި ޝައުގު ކަމަށެވެ. މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ދުރާލާ އިއުލާންކޮށްގެން ލިބުނު ވަރަށް ވުރެ ގިނައިން މިއަހަރު މިތަނުގައި ޓީމްތައްވެސް ހިމެނޭނެ ކުދިންވެސް ހިމެނޭނެ. އެހެންވީމަ އެއިން އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޒުވާނުން މިކަމަށް އޮތް ޝައުގު." ވަޒީރު ވިދާޅުވިއެވެ.

މި ހެކަތޯނަށް ބައިވެރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް އެއް ލައްކަ ރުފިޔާ، ދެ ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރުންގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބައިވެރިންގެ ހުށަހެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށާއި މުޖުތަމައުއަށް ފައިދާ ކުރަނިވި އާ އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް