ވަންޕާސްވޯޑްގެ ކަސްޓަމަރުންގެ މައުލޫމާތުތަކެއް ލީކްވިކަމަށް އެކުންފުނިން އެއްބަސްވެއްޖެ

ކަސްޓަމަރުންގެ ވޯލްޓްތަކާއި، އޭގައި ރައްކާކޮށްފައިވާ މައުލޫމާތުތައް ހިމާޔަތްކުރުމަށް މިހާރު އިތުރު ފިޔަވަޅުއަޅާފައިވާ ކަމަށް އެކުންފުނިން ބުނޭ ---

ޕާސްވޯޑް މެނޭޖަރު ޕްލެޓްފޯމެއް ކަމަށްވާ ވަންޕާސްވޯޑްގެ ބައެއް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހާމަވި ޑޭޓާ ބްރީޗެއް ހިނގާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އެ ކުންފުނިން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހު ޝައްކުކުރެވޭ ފަދަ ހަރަކާތްތަކެއް ފާހަގަކުރެވިގެން ތަހުގީގު ފެށި ކަމަށާއި، ހަމަލާދިން ފަރާތުން ވަނީ އެ ކުންފުނީގެ މުވައްޒަފެއްގެ ކޯޕަރޭޓް ގިޓްހަބް އެކައުންޓަށް ވަދެ، ސޯސް ކޯޑުތަކަށް ވާސިލުވެ، ބެކްއެންޑް ސާވިސްތަކަށް ނުރައްކާތެރި ކޯޑުތަކެއް ފޮނުވައިގެން ބައެއް ކަސްޓަމަރުންގެ އިދާރީ މައުލޫމާތު ޑައުންލޯޑްކޮށްފައެވެ.

މި ހާދިސާގައި ހާމަވި މައުލޫމާތުތަކުގެ ތެރޭގައި ކަސްޓަމަރުންގެ ނަމާއި، ވަންޕާސްވޯޑަށް ސައިން-އިން ކުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެސްތަކާއި، އެކައުންޓް އަދި ޔޫޒާ އައިޑެންޓިފަޔާތަކާއި، އެކައުންޓް ހެދި ތާރީޚާއި، އެންމެ ފަހުން ސައިން-އިން ކުރި ވަގުތުގެ އިތުރުން އެހެނިހެން މެޓަޑޭޓާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

https://sun.mv/221637

މީގެ އިތުރުން، ޕަބްލިކް ކީތަކާއި ސެކިއުއާ ރިމޯޓް ޕާސްވޯޑް (އެސްއާރުޕީ) ޕްރޮޓޮކޯލް ޕެރަމީޓަރުތަކާއި، އެކައުންޓް އިންވިޓޭޝަންތަކާއި ރިކަވަރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކުގައި ހިމެނޭ ބައެއް ޓޯކަންތައް ވެސް ހާމަވި މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭކަން ވަންޕާސްވޯޑުން ހާމަކޮށްފައިވެއެވެ.

ޒާތީ މައުލޫމާތުތަކެއް ލީކްވި ނަމަވެސް، ކަސްޓަމަރުންގެ ވޯލްޓްތަކާއި، އޭގައި ރައްކާކޮށްފައިވާ މައުލޫމާތުތައް ހިމާޔަތްކުރުމަށް ބޭނުންކުރާ އެންކްރިޕްޝަން ކީތައް ހާމަވެފައި ނުވާ ކަމަށާއި، ޔޫޒަރުންގެ އެކައުންޓް ޕާސްވޯޑްތަކާއި ސީކްރެޓް ކީތައް އެ ކުންފުނިން ރައްކާކޮށްފައި ނުހުންނާނެ ކަމަށް ބުނެ، ވޯލްޓްގައި ހުރި ޕާސްވޯޑްތައް ނުވަތަ އެކައުންޓް ބަދަލުކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ކުންފުނިން ވަނީ ދީފައެވެ.

މި ހާދިސާއަށްފަހު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ހަމަލާގެ އަސަރުކުރި ގިޓްހަބް އެކައުންޓް ޑިސޭބަލްކޮށް، ވަގަށް ނެގި ޓޯކަން ބާތިލުކޮށް، އެކައުންޓް ރިކަވަރީއާއި އިންވިޓޭޝަން އީމެއިލްތަކުގައި ބޭނުންކުރާ ވެރިފިކޭޝަން ކޯޑުގެ ދިގުމިން ހަ އަކުރުން ދިހަ އަކުރަށް އިތުރުކޮށްފައިވާ ކަމަށާއި، ފިޝިންގް ހަމަލާތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށް ކެނެޑާގެ ޓޮރޮންޓޯގައި ގާއިމުވެފައިވާ އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް