އޯލެޑް ޑިސްޕްލޭއާއެކު މެކްބުކް އެއާ އަށް ބޮޑު ބަދަލެއް ގެންނަނީ

މެކްބުކް އެއާ އަކީ އެޕަލްގެ އެންމެ މަގުބޫލު އެއް އުފެއްދުން --

އޯލެޑް ޑިސްޕްލޭއާއެކު 2028 ވަނަ އަހަރު މެކްބުކް އެއާ އަށް ބޮޑު ބަދަލެއް ގެންނަން އެޕަލްއިން ރާވައިފިއެވެ.

އެޕަލްއިން އެންމެ ފަހުން ނެރުނު މެކްބުކް ޕްރޯ މޮޑެލްތަކުގައި އޯލެޑް ޑިސްޕްލޭ ބޭނުންކުރަން ފެށުމަށްފަހު، އެ ކުންފުނީގެ މަގުބޫލު މެކްބުކް އެއާ ލައިނަޕަށްވެސް ހަމަ މި ބަދަލު ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން އޭނާގެ "ޕަވާ އޮން" ޕޮޑްކާސްޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެޕަލްއިން ދަނީ 2027 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2028 ވަނަ އަހަރު މެކްބުކް އެއާގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މި ބޮޑު އަޕްގްރޭޑާއެކު ލެޕްޓޮޕްގެ ބޭރުފުށުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، އޯލެޑް ޑިސްޕްލޭއެއް ހިމެނުމަކީ އެންމެ ފާހަގަކޮށްލެވޭނެ އެއް ބަދަލު ކަމަށް އޭނާ ވިދާޅުވިއެވެ.

މެކްބުކް އެއާ އަކީ އެޕަލްގެ އެންމެ މަގުބޫލު އެއް އުފެއްދުމަށް ވުމާއެކު، އެ ލެޕްޓޮޕްގެ ޒަމާނީކަން ހިފެހެއްޓުމަށްޓަކައި މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ގާމަން ފާހަގަކުރެއްވިއެވެ. މި އަހަރު ނެރުނު 2026 މެކްބުކް ޕްރޯ މޮޑެލްތަކުގައި އޯލެޑް ސްކްރީން ތައާރަފްކޮށްފައިވުމުން، އެޕަލްގެ އަގުހެޔޮ ލެޕްޓޮޕްތަކަށް މި ޓެކްނޮލޮޖީ ގެނައުމަށް މިހާރު ވަނީ މަގުފަހިވެފައެވެ.

https://sun.mv/107210

މި ބޮޑު ޑިޒައިން ބަދަލުގެ ކުރިން 2027 ވަނަ އަހަރުގެ ކުރީކޮޅު މެކްބުކް އެއާގެ ކުޑަ އަޕްޑޭޓެއް އެޕަލްއިން ނެރޭނެ ކަމަށް ވެސް ބެލެވެއެވެ. އެމް6 ޗިޕާއެކު ނެރޭނެ ކަމަށް ބެލެވޭ މި ލެޕްޓޮޕްތައް ތައާރަފްކުރާނީ "މެކްބުކް ނިއޯ 2" އާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އައިއޯއެސް 27.4 ނެރޭ ދުވަސްވަރާ ދިމާކޮށް، އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރިޗު މަހުގެ ތެރޭގައި ދެވަނަ ޖެނެރޭޝަންގެ މެކްބުކް ނިއޯ ނެރުމަށް އެޕަލްއިން ރާވާފައިވާ ކަމަށް ގާމަން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން، އައިފޯން 18، އައިފޯން 18އީ އަދި އާ ބޭސް އައިޕެޑްވެސް ހަމަ އެ މުއްދަތުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެކްބުކް އެއާގެ ބޮޑު އަޕްގްރޭޑް 2027 ވަނަ އަހަރުގެ ފަހުކޮޅު ނެރުމުގެ ފުރުސަތު އޮތް ނަމަވެސް، ގާމަންގެ ކުރީގެ ހޯދުންތަކަށް ބަލާއިރު މި ލެޕްޓޮޕް ރަސްމީކޮށް ނެރުން އެންމެ ގާތީ 2028 ވަނަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް