ހައުސިން މިނިސްޓްރީ އޭރު ހިންގި އިމާރާތުގައި އަލިފާން ރޯވެ, ތިން މިނިސްޓްރީއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ހާދިސާގެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް ނުދީ ވަނިކޮށް, އެ ހާދިސާއަށް މިއަދު އެއް އަހަރު ފުރިއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު, ހަތް އަހަރު ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި އަލިފާން ރޯވެފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނެވެ. އެ އިމާރާތުގައި ހައުސިން މިނިސްޓްރީގެ އިތުރުން އޭރު ވަކިން ހިންގަމުން ދިޔަ އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ދިޔައީ ހިންގަމުންނެވެ. އަދި، އެ އިމާރާތާ ޖެހިގެން ދިޔައީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ ވެސް ހިންގަމުންނެވެ. އެ ގްރީން ބިލްޑިންގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އިތުރުން, އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ދިޔައީ ހިންގަމުންނެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ, އެ ތިން މިނިސްޓްރީ ހިންގި އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. ބައެއް ލިޔެކިޔުންތައް ސަލާމަތްވި ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މިއީ ދިވެހި ދައުލަތުގެ އިމާރާތެއް މިހެން ރޯވެ ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ. އެ ދުވަހުން ފެށިގެން މި ހާދިސާގެ ތަހުގީގު ދިވެހި ފުލުހުން ފަށާފައިވާއިރު އެ ތަހުގީގާ އިންޑިއާގެ ތަޖުރިބާކާރު ޓީމަކުން ވެސް ވަނީ ގުޅިފައެވެ.
ނަމަވެސް، ހާދިސާއަށް އަހަރެއް މިއަދު ފުރުނުއިރު ތަހުގީގާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން މި މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައި، މީޑިއާތަކަށް ދައުވަތު ވެސް ފޮނުވިއެވެ. ނަމަވެސް، ފަހު ވަގުތު ވަނީ އެ ބައްދަލުވުން ވެސް ކެންސަލްކޮށްފައެވެ.
އެހެންކަމުން ހާދިސާއަށް އަހަރެއް ވީއިރުވެސް, އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރަމުން ދިޔަ, އަދި މުހިންމު ލިޔެކިޔުންތަކެއް ބަލަހައްޓާ އެ ތިން މިނިސްޓްރީ އެނދީ ކީއްވެގެންކަން އަދި ވެސް ނޭނގެއެވެ. މިއީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ.
މި ތަހުގީގާ ގުޅޭގޮތުން މިއަދު ވެސް ފުލުހުންގެ ބަހެއް ލިބޭތޯ މަސައްކަތްކުރި ނަމަވެސް އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅުވައި އެތައް ތުހުމަތެއް
މި ހާދިސާ ހިނގި ދުވަސްވަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ކޮރަޕްޝަނާ ގުޅުންހުރި ލިޔެކިޔުންތަކެއް ވެސް ގެއްލުނު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެ ހާދިސާގައި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްކަން އަދިވެސް ރަނގަޅަށް ސާފުނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެއްވެސް ބަޔަކު، ގެއްލިގެން އުޅެނީ ކޮން އެއްޗެއްކަން ބުނެދޭކަށް ވެސް ބޭނުންނުވާ ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.
ޔާމީން ވިދާޅުވީ، އެ އިމާރާތްތަކުގައި މައުލޫމާތު ރައްކާކޮށްފައިވާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން، އެއް ބަޔަކު ކަރުދާހުގައާއި ސާވާގައި ލިޔެކިޔުންތައް ރައްކާކުރިއިރު، އަނެއް ބަޔަކު ރައްކާކުރީ ކްލައުޑްގައި ކަމަށް ބުނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އަލިފާނުގައި ގެއްލުނީ ކޮން މައުލޫމާތެއްކަން އަދިވެސް ސާފުނުވާތީ އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ގެއްލުނު ލިޔެކިޔުންތަކުގެ ތެރޭގައި ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކެއް ވެސް ހިމެނޭއިރު، އޭގެ ތެރޭގައި ކައުންސިލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަދަ ލިޔެކިޔުންތައް ހިމެނޭނެއެވެ.
"މި ތަނުގައި ވެއްޖެ މާލޭ ސިޓީ ކައުންސިލްގެ ލިޔުންތަކެއް ވެސް. ސިޓީ ކައުންސިލްގައި އެތާ ތިބި ބޮޑެތި މޭޔަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ހުރީ އެ ލިޔެކިޔުންތަކުގައި. އެހެންވީމާ އެބަޖެހޭ ނޫންތޯ ބުނެދޭން ގެއްލިގެން އުޅޭ ލިޔެކިޔުންތައް؟" ޔާމީން ވިދާޅުވިއެވެ.
މި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން، ވަނީ ހަމަ އެ ދުވަސްވަރު ފުލުހަށާއި, އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައެވެ. އޭގެ އިތުރުން އަލިފާން ކޮންޓްރޯލް ކުރުމުގައި އިހުމާލުގެ އަމަލުތައް ފެންނާތީ ކަމަށް ބުނެ, އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އިންޓެގްރިޓީ ކޮމިޝަނަށް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.
އެމްޑީޕީން އޭރު ބުނީ އެ ހާދިސާ ހިނގައި ދިޔަ ގޮތުން ޝައްކުކުރެވޭ ބައިވަރު ކަންތައްތަކެއް އަދި ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، އަލިފާން ނިއްވުމުގައި އެ ހޭދަވި ވަގުތުތަކުގައި ވަރަށް ބޮޑު ލަސްކަމެއް ހުރި ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ.
އަލިފާނުގެ ހާދިސާއަށް ފަހު، ތިން މިނިސްޓްރީއާއި އީޕީއޭގެ އިތުރުން ސިޓީ ކައުންސިލް ހިންގުން އެކިއެކި އިމާރާތްތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި، އޭގެ ފަހުން ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ ވަނީ އެއް މިނިސްޓްރީއަކަށް ހަދައިފައެވެ. އަދި، ޓޫރިޒަމާއި ތިމާވެށި ވެސް ވަނީ އެއް މިނިސްޓްރީއަކަށް ހަދައިފައެވެ. ވަގުތީ ގޮތުން ދަރުބާރުގޭގައި ހެދި އޮފީހުގައި މިހާރު ހިންގަމުން އަންނަނީ ހައުސިން މިނިސްޓްރީއެވެ.
މިހާ ބޮޑު ގެއްލުމެއް ލިބުނު މައްސަލައެއްގެ މުހިންމު އެއްވެސް މައުލޫމާތެއް ނުދީ އަހަރެއް ވުމަކީ ވަރަށް ދުވަހެވެ. އެހެންކަމުން އެ ހާދިސާއަކީ ކޮން ސަބަބަކާ ހުރެ ހިނގި ކަމެއްކަން އަދިވެސް ނޭނގެއެވެ.