ދެކުނު ކޮރެއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ސޮން ހެއުން މިން ބްލެކްމެއިލް ކުރި އަންހެނަކަށް ދެކުނު ކޮރެއާގެ ކޯޓަކުން ހަތަރު އަހަރުގެ ޖަލު ހުކުމެއްކޮށްފިއެވެ.
އުމުރުން 20 އަހަރުގެ އެ އަންހެން މީހާގެ މައްޗަށް ވަނީ، ޓޮޓެންހަމްގެ ކުރީގެ ކެޕްޓަން ސޮންގެ ދަރިއަކަށް ބަނޑުބޮޑުވި ކަމަށް ބުނެ ބްލެކްމެއިލް ކުރި މައްސަލައެއް ސާބިތުވެފައެވެ. އެކަމުގައި އެ އަންހެން މީހާގެ 40 އަހަރުގެ ލޯބިވެރިޔާ ބައިވެރިވި ކަމަށް ވެސް ސާބިތުވިއެވެ.
އެ އަންހެން މީހާ ވަނީ މިދިޔަ އަހަރު ސޮންއަށް ގުޅައި، އޭނާގެ ދަރިއަކަށް ބަލިވެއިން ކަމަށް ބުނެ އަލްޓްރާސައުންޑް ސްކޭނެއް ވެސް ދައްކައިފައެވެ. އަދި 200،000 ޑޮލަރު ދިނުމަށް އެދި، ނުދީފިނަމަ، ބޭޒާރު ކުރާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
އެ އަންހެން މީހާ އެ ފައިސާ ހޯދުމަށްފަހު ހޭދަކުރީ އަގުބޮޑު ތަކެތި ގަތުމަށް ކަމަށްވެސް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
އެ އަންހެންމީހާ ވަނީ އޭނާއަށް އެ ފައިސާ ލިބިފައިވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ. އަދި ޕްރޮސެކިއުޓަރުން ވަނީ އޭނާ ސޮން ބްލެކްމެއިލް ކުރީ ވަރަށް ރާވައިގެން ކަމަށާއި އޭނާ ބްލެކްމެއިލް ކުރަން ދެއްކި ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.
އެ ފައިސާ ހޯދުމަށް އެ އަންހެން މީހާގެ ލޯބިވެރިޔާ ވަނީ ސޮންއަށް 15 ފަހަރު އިންޒާރު ދީފައެވެ. އެ މައްސަލައިގައި އެ ފިރިހެން މީހާއަށް ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ މައްސަލައިގައި ސޮން ކޯޓަށް ދިޔައީ އެ މީހުން އިތުރަށް ފައިސާ ހޯދުމަށް އުޅުމުންނެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ އެ އަންހެން މީހާ އާއި އޭނާގެ ބައިވެރިޔާ ސޮންގެ މަޝްހޫރުކަން ބޭނުންކޮށްގެން ބްލެކްމެއިލްކުރަން އުޅުނު މައްސަލަ މީޑިއާގައި ރިޕޯޓް ކުރުމުން، ސޮންއަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހު ސޮން ވަނީ، އުތުރު އެމެރިކާގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގު މެޖާ ލީގު ސޮކާ (އެމްއެލްއެސް)ގައި ދެވަނައަށް އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އޭޝިއާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ތަރީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސޮންއަށް އޭނާގެ އުފަން ގައުމާއި އޭޝިއާ ސަރަހައްދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ.