ދެކުނު ކޮރެއާގައި ކެއުމަށް ހުއްދަނުކުރާ ބާވަތެއް ކަމަށްވާ ހިނި ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރި މައްސަލައެއްގައި، މަޝްހޫރު 'މިޝެލިން ސްޓާ' ލިބިފައިވާ ރެސްޓޯރެންޓެއްގެ ވެރިޔަކު އެއް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެއެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ވެރިރަށް ސޯލްގައި ހިންގާ ދެ މިޝެލިން ސްޓާ ލިބިފައިވާ ރެސްޓޯރެންޓެއްގެ ވެރިޔެއްގެ މައްޗަށެވެ. ޕްރޮސެކިއުޓަރުން ވަނީ އޭނާ އެއް އަހަރަށް ޖަލަށް ލުމުގެ އިތުރުން، ރެސްޓޯރެންޓް ހިންގާ ކުންފުނި 20 މިލިއަން ވޮން (13،500 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށް ވެސް އެދިފައެވެ.
ދެކުނު ކޮރެއާގެ ކާބޯތަކެއްޗާ ބެހޭ ގާނޫނުތައް ބުނާ ގޮތުން، އިންސާނުން ކެއުމަށް ހުއްދަކޮށްފައިވާ 10 ބާވަތުގެ ސޫފީގެ ތެރޭގައި ހިނި ނުހިމެނެއެވެ.
ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ރެސްޓޯރެންޓުން ވަނީ އެމެރިކާ އަދި ތައިލެންޑުން އެތެރެކޮށްގެން 49،000 އެއްހާ ހިނި ބޭނުންކޮށްފައެވެ. އަދި ހިނި އަޅައިގެން ތައްޔާރުކޮށްފައިވާ ފޮނިކާތަކެތި 12،200 އަށްވުރެ ގިނަ ފަހަރު ވިއްކައިގެން 120 މިލިއަން ވޮންގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ރެސްޓޯރެންޓުން ބޭނުންކުރި ހިނީގައި، އާންމުކޮށް ކެއުމަށް ބޭނުންކުރާ ސޫފީގައި ހުންނަ މިންވަރަށްވުރެ 55 ގުނަ އިތުރަށް ނުރައްކާތެރި މައުދަންތައް އެކުލެވިގެންވާ ކަމަށް ސިއްހަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
ކޯޓުގައި ވާހަކަދައްކަމުން ރެސްޓޯރެންޓުގެ ވެރިޔާ ވަނީ ކާބޯތަކެތީގައި ހިނި ބޭނުންކުރިކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލުން ބުނި ގޮތުގައި، ހިނި ބޭނުންކޮށްފައިވަނީ 15 ކޯހުގެ މެނޫގެ ވަރަށް ކުޑަ މިންވަރެއްގައެވެ. އަދި ހިނި އަޅާފައިވާ ކާތަކެތި ދީފައިވަނީ އެކަމަށް އެއްބަސްވި ކަސްޓަމަރުންނަށް އެކަނި ކަމަށާއި، އެއީ ޖުމްލަ ކަސްޓަމަރުންގެ 60 އިންސައްތަ ކަމަށް ވަކީލުން ފާހަގަކުރިއެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާ، ޑެންމާކް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ރެސްޓޯރެންޓުތަކުގައި ވެސް ކާތަކެތި ތައްޔާރުކުރުމަށް ހިނި ބޭނުންކުރާކަން އޭނާ ފާހަގަކުރިއެވެ. މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ދެ ވަނަ ދުވަހަށެވެ.