ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގައި މިއަދު ހެނދުނު ކުޅުނު ފޯރިގަދަ މެޗުން ދެކުނު ކޮރެއާ އިން ޗެކްރިޕަބްލިކް (ޗެކިއާ)ގެ މައްޗަށް 2-1 އިން ކުރިހޯދައިފިއެވެ.
މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޮރެއާ މޮޅުވީ އެއް ލަނޑުގެ ލީޑެއްގައި ޗެކިއާ އޮއްވައި ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެކުނު ކޮރެއާ އިން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މި ހަމަލާތަކުގެ މުގުލުގައި ހުރީ އެޓީމުގެ ކެޕްޓަން ސޮން ހިއުން-މިން އެވެ. ނަމަވެސް ސޮން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތެއް ނުވިއެވެ.
ކޮރެއާގެ ޓައި-ސީކް ލޫ ފޮނުވާލި ބާރު ހަމަލާއެއް ޗެކިއާގެ ކީޕަރު މަޓޭޖް ކޮވާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެންވެސް ކޮރެއާ އިން ނުރައްކާ ކުރަމުން ދަނިކޮށް، މެޗުގެ 59 ވަނަ މިނެޓުގައި އެންމެން ހައިރާންކޮށްލުމަށްފަހު ލީޑު ނެގީ ޗެކިއާ އިންނެވެ. މި ލަނޑު ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލަޑިސްލާވް ކްރޭޗީ އެވެ.
އެހެން ނަމަވެސް މި ލަނޑާއެކު ކޮރެއާ މާޔޫސްނުވެ ކުޅުން ވަރުގަދަކުރިއެވެ. ނަތީޖާއަކަށްވީ 10 މިނެޓު ނުވަނީސް ވޭންގް އިން-ބެއޮމް ކޮރެއާއަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ.
މެޗުގެ ފޯރިގަދަވެގެން ދިޔަ ވަގުތު، 77 ވަނަ މިނެޓުގައި ޗެކިއާގެ ތޯމަސް ސޯޗެކް ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްވުމުގެ ސަބަބުން އެ ލަނޑު ބަލައެއް ނުގަތެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކޮރެއާ އިން ވަނީ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. އަރިމަތިން ނެގި ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޔެއޮން ޔޫ އޯ އެވެ.
މެޗުގެ ފަހުކޮޅު ޗެކިއާ އިން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ބަދަލު ކުޅުންތެރިން ކަމަށްވާ އެޑަމް ލޯޒެކް އާއި މިޝާލް ސަޑިލެކް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށް، ކޮރެއާ ސަލާމަތްކޮށްދިނީ އެޓީމުގެ ކީޕަރު ކިމް ސެއުން ޔޫ އެވެ.
މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ޗެކިއާއަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އަނެއްކޮޅުން މިއީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު މި ދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
މި ގުރޫޕުގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، ި މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ އެއްގައުމު ކަމަށް ވާ މެކްސިކޯ އާއި ދެކުނު ކޮރެއާއެވެ. މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ މެކްސިކޯއިންނެވެ.