ކޮރަޕްޝަން ހުއްޓުވައި، އެ ކަންކަން އިދާރާތަކާއި އާންމުންގެ ސަމާލުކަމަށް ގެންނަން އާންމުންނަށް ކޮރަޕްޝަނާ ގުޅޭ ލިޔުންތަކާއި ހެކި ހުށަހެޅޭ "ފާށާރު" ޕޯޓަލް ސަން ސިޔާމް މީޑިއާއިން މިއަދު އިފުތިތާހުކޮށްފިއެވެ.
މި ޕޯޓަލް އިފުތިތާހުކުރީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެންނެވެ.
"ސަން"އިން ތައާރަފުކުރި މި ޕޯޓަލްއަށް އާންމުންނާއި ސަރުކާރުގެ އެކި އިދާރާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި، އެ މީހަކު ބޭނުންނަމަ، އެއީ ކާކުކަން އެނގޭގޮތަށް ވެސް މި ޕޯޓަލްއަށް މައުލޫމާތު ހުށަހެޅޭނެއެވެ.
މައުލޫމާތު ހުށަހަޅާއިރު، އެ މައްސަލައަކާ ގުޅޭ ވީހާ ވެސް ގިނަ ތަފުސީލާއި ހެކި ފޯރުކޮށްދޭން ސަން މީޑިއާއިން އެދެއެވެ. އަދި، މި ޕޯޓަލް ފަރުމާކޮށްފައިވާ ގޮތުން، ކާކުކަން ނޭނގޭ ގޮތަށް ފޮނުވާ މައުލޫމާތުތައް ފޮނުވާ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ރައްކާނުކުރާނެއެވެ. އެހެންވެ، ސިއްރުން ފޯރުކޮށްދޭ މައުލޫމާތަކީ އަބަދު ވެސް ސިއްރުކުރެވިފައިވާ މައުލޫމާތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޓޯ ނެޓްވޯކް މެދުވެރިކޮށް ވެސް މި ޕޯޓަލްއަށް މައުލޫމާތު ފޮނުއްވޭނެއެވެ.
ފާށާރު ޕޯޓަލް އިފުތިތާހުކޮށްދެއްވުމަށް ފަހު، ސަން ސިޔާމް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، ސަން އޮންލައިނަކީ ތެދު ޚަބަރު ފޯރުކޮށްދިނުމުގެ ދިގު ތާރީޚެއް އޮތް ނޫހެއް ކަމަށެވެ. ނޫހުން ގެނެސްދޭ ޚަބަރާއި ރިޕޯޓުތަކަކީ ދައުލަތާއި ސަރުކާރާއި ޚާއްސަކޮށް ރައްޔިތުންނަށް ގެއްލުން ލިބޭ ކަންކަމަށް އިސްކަންދީގެން އެ ކަންކަން ހަމަ މަގަށް އަޅުވަން ބާރުއަޅާ ލިޔުންތައް ކަމަށް މޮންދު ވިދާޅުވިއެވެ.
"މި ޕޯޓަލްއަކީ ވެސް މި ކަމުގައި އަޅުގަނޑުމެންނަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ވަރަށް ބޮޑު އެހީއެއް،" މީޑިއާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މޮންދު ވިދާޅުވިއެވެ.
އޭނާ ވަނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަކީ ވީހާވެސް ސައްހަކަން ބޮޑު މައްސަލަތައް ކަމަށް ހައްދަވައިދެއްވަން އެދިވަޑައިގެންފައެވެ. އެއީ، ނޫސްވެރިންގެ ހައިސިއްޔަތުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބޭނެ އިތުރު އެހީއެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އޭނާ ވިދާޅުވީ، މި ޕޯޓަލްއާ އެކު ވެސް އެންމެ މުހިންމު މަގުސަދަކީ ކިޔުންތެރިން މިވީހާ ތަނަށް ސަން އޮންލައިންއަށް ކުރާ އިތުބާރު އެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ. އެހެންވެ، މި ޕްލެޓްފޯމް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކަށް ވެސް ދޭން ބޭނުންފުޅުވަނީ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ވިސްލްބްލޯވާއެއްގެ މައުލޫމާތު އެއްވެސް މިންވަރަކަށް ހާމަނުވާނެކަމުގެ ޔަގީންކަން ސީއީއޯގެ ހައިސިއްޔަތުން އަޅުގަނޑު އެންމެހާ ކިޔުންތެރިންނަށް އަރުވަން،" މީގެ ކުރިން ދައުލަތުގެ މީޑިއާގެ ސީއޯއޯކަމާއި އަމިއްލަ ބައެއް މީޑިއާތަކުގެ ސީއޯއޯކަން ވެސް ކުރައްވާފައިވާ މޮންދު ވިދާޅުވިއެވެ.
ޕޯޓަލްއާ ގުޅޭ ގޮތުން ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ސައްހަ މައުލޫމާތުގެ އެހީގައި ކުށްކުރާ މީހުން ޖަވާބުދާރީކުރުވަން ސަން އޮންލައިނުން އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"މި ޕޯޓަލް މެދުވެރިކޮށް ފޮނުވާ މައުލޫމާތަކީ ކޮރަޕްޝަން ހުއްޓުވަން ނޫސްވެރިންގެ ހައިސިއްޔަތުން ކުރާ މަސައްކަތަށް ވެވޭ ވަރަށް ބޮޑު އެހީއެއް،" ސާއިލު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަނަކީ ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހެވެ. ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ، އާންމުން އެ ކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއެވެ. އެކަމަކު، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުތަކުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެކަށިގެންވާ މަސައްކަތެއް ނުކުރާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.