ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތް ވެސް ދިވެހީން ތަޖުރިބާކޮށްފި ކަމަށާއި، ސަރުކާރު ކުންފުނި (އެސްއޯއީ)ތަކުން ރިސޯޓު ތަރައްގީކުރާނަމަ، ކޮރަޕްޝަނަށް އެކަމުން މަގުފަހިވާނެތޯ ނުވަތަ ނޫންތޯ އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭ ގޮތަށް މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވައިފައެވެ.
އެސްއޯއީތަކުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަދެ، ރިސޯޓުތައް ތަރައްގީކުރެވޭނެ ގޮތް ހެދުމާ އެކު ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަމާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ, މީގެ ކުރިން ވެސް ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްސަކޮށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް ހަދައިގެން ނުކުތް ނަތީޖާ ގޯސް ކަމަށެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު ކޮރަޕްޝަން ކަމަށާއި، އެކަން އެންމެން ވެސް ތަޖުރިބާކޮށްފިކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ, މިހާރު ގާނޫނަށް ގެނައި އިސްލާހާ އެކު ކޮރަޕްޝަނަށް އޭގެން މަގުފަހިވާނެތޯ ނުވަތަ ނޫންތޯ އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ, ފެނިފައި އޮތް މަންޒަރެއް ކަމެއް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެސްއޯއީތަކުން ރިސޯޓު ތަރައްގީކުރަން އުޅުމަކީ ކާމިޔާބު މޮޑެލްއެއް ނޫން ކަމަށް މައުސޫމް ވިދާޅުވިއެވެ.
"ފަތުރުވެރިކަން ކުރިއެރުވުމަށް ވަކިން ކުންފުނި ހަދާފައި އެބަހުރި ސަރުކާރުން މީގެ ކުރިން ވެސް. ތަރައްގީ ކުރުމުގައި ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނެތް. ކާމިޔާބު މޮޑެލްއެއް ނޫން އެއީ،" މައުސޫމް ވިދާޅުވިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް
މައުސޫމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރުން ނުވަތަ ރިސޯޓު ތަރައްގީކުރާނަމަ އެ ކުންފުންޏަކީ މާލީ ގޮތުން ގާބިލު ކުންފުންޏަކަށް ވެސް ވާންޖެހޭނެއެވެ. ރިސޯޓުތައް ދުނިޔޭގެ ވާދަވެރިކަމާ އެއްވަރަށް ތަރައްގީކުރާނަމަ މިލިއަން ޑޮލަރުން ބިލިއަން ޑޮލަރުން ކެޕިޓަލް ހޯދެން ވެސް ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މީގެން ނިކުންނާނެ ނަތީޖާ ހެވެއް ނުވާނެ. ވަރުގަދަ ކުންފުންޏަކާ ހަވާލުކޮށްފިނަމަ ވެދާނެ. އެކަމު އެވަރުގެ އެސްއޯއީއެއް ނެތް. މިސާލަކަށް ސަރުކާރުގެ އެންމެ ބޮޑު އަދި ފައިދާ ލިބޭ އެސްއޯއީ ކަމަށްވާ އެސްޓީއޯއިން ވެސް ހޮޓަލެއް ތަރައްގީކުރަން ފެށި. އެކަމަކު އެކަން ވެސް ކުރިއަށް ދިޔަތޯ؟ ނުދޭ!" މައުސޫމް ވިދާޅުވިއެވެ.
ދެން އަނެއް ކަމަކީ އާންމު ރައްޔިތުންގެ ގެސްޓުހައުސް ވިޔަފާރިއަށް ސަރުކާރުން ވަނުން ކަމަށާއި، އޭގެން ވެސް ނުކުންނާނެ ހެވެއް ނެތް ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި, ރައްޔިތުންނަށް ލިބެން ހުރި ތަނަވަސްކަމަކަށް ސަރުކާރުން ވަންނަނަމަ އެއީ ގޯހެއްކަމަށް މައުސޫމް ވިދާޅުވިއެވެ.
"ރާއްޖޭގެ [އިގުތިސާދީ] މައި އިންޑަސްޓްރީއާ [ސަރުކާރުން] ކުޅެން ފެށީމާ މި ދެން ވަރަށް ބޮޑަށް ގޯސްވީ،" މައުސޫމް ވިދާޅުވިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ފަތުރުވެރިކަމާ ބެހޭ ފަސްވަނަ މާސްޓާޕްލޭން އޮތީ ހަދައި ނިންމާފައި، ނަމަވެސް އެއާ އެއްގޮތަށް މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އެއީ މި ސަރުކާރުން ވެސް ފަތުރުވެރިކަން ރަނގަޅަށް ރެގިއުލޭޓު ނުކުރާ ވާހަކައެއް ނޫން ކަމަށާއި، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް, ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު" ވިދިވިދިގެން ހަވަނަ ފަހަރަށް ރާއްޖެއަށް ލިބުމަކީ އެކަމުގެ ހެއްކެއްކަމަށް މައުސޫމް ވިދާޅުވިއެވެ.
ނަމަވެސް، ވޭތުވެދިޔަ 50 އެތައް އަހަރަކުން ފައްކާކުރި ރާއްޖޭގެ 'ރަން' ފަތުރުވެރިކަމުގެ ތެރެއަށް ސަރުކާރުން ވަންނަނަމަ އެއްކޮށް ސިނާއަތް ފުނޑޭނެ ކަމަށް ވިދާޅުވެ، މައުސޫމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"މަޖިލީހުގައި ބާރު އޮތުމުން، 'ކޮރަޕްޝަން' ގާނޫނީ ގޮތުން ހުއްދަކޮށްގެން ކުރިއަށްދާ މަންޒަރު މި ފެންނަނީ. ރައީސް ނުޖެހޭނެ އަދި އެ ބިލު ތަސްދީގުކުރައްވާކަށް އަދި މަޖިލީހުން ފާސްކުރިޔަކަސް. ނަތީޖާއަކަށް ވާނީ ފޮރިން އިންވެސްޓްމަންޓްސް ވެސް ރާއްޖެއަށް ނައުން. ޕްރައިވެޓް ޕާޓީތަކުން ރާއްޖެ އަންނަން ފަރުޖެހޭނެ،" މައުސޫމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނާއި އަދީބު: އެމްއެމްޕީއާރްސީ ޚިޔާނާތް ހިންގިކަމަށް އަދީބު އަމިއްލައަށް އިއުތިރާފުވި --
މި ސަރުކާރުން މި އަހަރު ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައް ވެސް ބާތިލުކޮށްފައެވެ. އެ ގޮތުން، މި މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީއާއި މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފްގެ އިތުރުން ގ. އޮއިވާލި، މުޙައްމަދު ޙުސައިނާ އެކު ދައުލަތުން ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.
މިހާތަނަށް ވެސް އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، މިދިޔަ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މި ސަރުކާރާއި މިނިވަން މުއައްސަސާތަކުގައި މިހާރު ތިއްބެވި އިސް ބައެއް ބޭފުޅުންނާއި ވެރިކަންކުރާ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންވެސް ހިމެނޭކަން، މިފަހުން ލީކުކޮށްލި އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ފޮރެންސިކް ރިޕޯޓެއްގައިވެއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާތައް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވީ ޑިސެމްބަރު 25، 2022 ގައެވެ. އޭގެ ފަހުން، ވެރިކަން ބަދަލުވެ މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ. އެ މައްސަލައިގައި ދެން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް އެ ކޯޓުން މިނިވަންކުރިއެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ. މީގެ އިތުރުން، އާޒިމާގެ ބޭބެ، އާތިފް ޝަކޫރުގެ މައްޗަށް އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އުފުލި ދައުވާ ވެސް މީގެ ކުރިން ޕީޖީން ބާތިލުކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާޒިމާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ގާނޫނީ ވަކީލެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތް ހިނގައިދިޔަފަހުން އައި ވެރިކަންތަކަށް އެ މައްސަލަ ރަނގަޅަށް ނުބެލި އުޅެނިކޮށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް މި ސަރުކާރުން މިވަނީ އިތުރުކޮށްފައެވެ. އަދި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭ ގޮތަށް މި ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމަށް ބުނެ، ބައެއް ބޭފުޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ބިލުގައިވާ ގޮތުން ޔޮޓް ބަނދަރު ހިންގުމަށް ވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅު އެސްއޯއީތަކަށް ދެވޭނެއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ކަނޑައެޅުމަށް ވެސް މި ބިލަށް ގެނައި އިޞްލާޙުގައި ހިމެނެއެވެ.
ސަރުކާރުން މި ބަދަލު ގެނައިއިރު، އެސްއޯއީތަކުގެ މެންޑޭޓުގެ ބޭރުން މަޝްރޫއުތައް ވެސް ދަނީ އެސްއޯއީތަކާ ހަވާލުކުރަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި އޭގެ ބޭނުމަކީ ޚަރަދުކުޑަކުރުމެވެ. ކަން އެހެން އޮއްވައި، ސަރުކާރުން މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ހިންގޭނެ ގޮތަށް ގާނޫނަށް މިވަނީ އިސްލާހުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް މި ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.