ސަރުކާރު ކުންފުނިތަކަށް، ރިސޯޓު ތަރައްގީކުރަން ރަށާއި ބިން ދެވޭ ބިލް ތަސްދީގުކުރައްވައިފި

ރައީސް، ކެބިނެޓު ބައްދަލުވުމެއްގައި: ސަރުކާރު ފަރާތުން ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ރަށާއި ބިން ދެވޭ ގޮތަށް އިސްލާހު ތަސްދީގުކޮށްފި---ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ކުންފުނި (އެސްއޯއީ)ތަކަށް، ރިސޯޓު ތަރައްގީކުރަން ރަށާއި ބިން ދެވޭ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި، ޓޫރިޒަމް ޓްރޭނިން ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭ ގޮތަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުގައިވާގޮތުން ޔޮޓް ބަނދަރު ހިންގުމަށް ވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅު އެސްއޯއީތަކަށް ދެވޭ ގޮތަށް ހިމަނާފައިވެއެވެ.

މި ބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުތުތަކާއި އިޖުރާތު ބަޔާންކޮށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު ހަ މަސްދުވަހަށް އިތުރުކުރެވޭނެކަމަށް ވެސް ވަނީ ހިމަނާފައެވެ.

https://sun.mv/203883

މީގެ އިތުރުން ރިޒޯޓު ހެދުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާއި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ކަނޑައެޅުމަށް ވެސް މި ބިލަށް ގެނައި އިޞްލާޙުގައި ހިމެނެއެވެ.

ރާއްޖޭގެ ރިސޯޓެއް: ސަރުކާރު ކުންފުނިތަކަށް، ރިސޯޓު ތަރައްގީކުރަން ރަށާއި ބިން ދެވޭ ބިލް ރައީސް ވަނީ ތަސްދީގުކުރައްވައިފައި ---ފޮޓޯ ރައީސް އޮފީސް

މި ބިލުގައި، ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިން ރިޒޯޓް" ހިމަނައި އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި، ތަރައްގީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިޞާޞްގައި ހިމެނޭ ތަންތަނުގައި ތަރައްގީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާ ކަމަށް މި ބިލުގައި ބުނެފައިވެއެވެ. އަދި އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއާ އޮޕަރޭޓާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށް މި ބިލުގައި ބުނެފައިވެއެވެ. އަދި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއާ އޮޕަރޭޓަރަކަށް، ޚިދުމަތް ދެވޭނީ، ފޮރިން ޓުއާ އޮޕަރޭޓާ ލައިސަންސްއެއް ހޯދުމަށްފަހު ކަމަށް ކަނޑައަޅައި ޓުއާ އޮޕަރޭޓަރުންނާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާ ގުޅޭ ކަންކަން ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް މި ބިލަށް ގެނެވުނު އިޞްލާޙުގައިވެއެވެ.

https://sun.mv/214465

ސަރުކާރުން މި ބަދަލު ގެނައިއިރު، އެސްއޯއީތަކުގެ މެންޑޭޓުގެ ބޭރުން މަޝްރޫއުތައް ވެސް ދަނީ އެސްއޯއީތަކާ ހަވާލުކުރަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި އޭގެ ބޭނުމަކީ ޚަރަދުކުޑަކުރުމެވެ. ކަން އެހެން އޮއްވައި، ސަރުކާރުން މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ހިންގޭނެ ގޮތަށް ގާނޫނަށް މިވަނީ އިސްލާހުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް މި ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

comment ކޮމެންޓް