ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ހުޅުމާލޭން 200އަށް ވުރެ ގިނަ އުޅަނދު ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފިއެވެ.
ފޮޓޮއާއެކު 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އިއްޔެ ފެށި ޓޯކުރުމުގެ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޖުމްލަ 252 އުޅަނދެއް ހުޅުމާލޭގެ މަގުތަކުން ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހުރިހާ އުޅަނދަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުފަހަރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެހެން ޒޯނުތަކަށް ރަޖިސްޓްރީކުރި އުޅަނދުފަހަރާއި އެއްގޮތަކަށް ވެސް ރަޖިސްޓްރީނުކުރާ އުޅަނދުފަހަރު ހިމެނޭ ކަމަށް، ފުލުހުން ބުންޏެވެ.
މި މަސައްކަތް މި ކުރަނީ ފުލުހުން ބުނިގޮތުގައި، ހުޅުމާލޭގެ ރައްޔިތުންނާއި އެ އަވަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުމާލެއަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުންނެވެ.
ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއް ފުލުހުން ފެށީ އިއްޔެއެވެ.
އިއްޔެ ފެށި އޮޕަރެޝަން މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަން ކުރިއަށް ދާނީ ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުފަހަރާއި އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުފަހަރު ޓޯ ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރާއްޖެއަށް އެތެެރެކުރާ އުޅަނދުތައް ގިނައިރު، މިހާރު ވެސް މާލެ ސަރަހައްދުގައި އޮންނަން ޖެހޭ ވަރަށް ވުރެ އުޅަނދުފަހަރު އިތުރެވެ. މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުވެސް ފުލުހުން ހުޅުމާލޭން 20 އުޅަނދު ޓޯ ކުރިއެވެ.