ނަޝީދު ވިދާޅުވިޔަސް ގަބޫލެއް ނުކުރާނަން

ވައިޖައްސައިލާން ތިބި ދެމީހެއްގެ ކުރި މައްޗަށް ދަނޑިފުޅު ދޫންޏެއް ތިރިކޮށްފި އެވެ. އެ ޖެއްސީ ދޫންޏެކޭ ފުރަތަމަ މީހާ ބުނުމާ އެކު ދެވަނަ މީހާ އިންކާރު ކޮށްފި އެވެ. އޭނާ ބުނީ އެއީ ބޮޑު ފަލަ ގެރިއެއް ކަމަށެވެ. ހިޔާލު ދެކަފިވުމުން އެއީ ގެރިއެއްތޯ ނުވަތަ ދޫންޏެއްތޯ ނިންމާން ފުރަތަމަ މީހާ، ދެވަނަ މީހާގެ މަޝްވަރާއަށް އެދުނެވެ. ދެވަނަ މީހާ ވިސްނާލާފައި ބުނަނީ އެ ދިމާއަށް ގާ ކޮޅެއް އެއްލާނީ އެވެ. ގާކޮޅު އެއްލުމުން އޭތި އުދުހިގެންފި ނަމަ އެއީ ދޫންޏެކެވެ. ހިމޭނުން އޮވެއްޖެ ނަމަ އެއީ ގެރިއެކެވެ. މަޝްވަރާއިން އެއްބަސްވި ގޮތަށް ދެވަނަ މީހާ ގާކޮޅު އެއްލުމާ އެކު ދޫނި އުދުހި ހިނގާއްޖެ އެވެ. އެއާއެކު ފުރަތަމަ މީހާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެވަނަ މީހާ ނިޔާ ކަނޑައަޅައިފި އެވެ. އޭނާގެ ޒުވާބަކީ އޭތި އުދުހިފައި ދިޔަ ކަމަށް ވިޔަސް އެއީ ދޫންޏެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. އެއީ ހަމަ ގެރިއެއް ކަމަށެވެ.

މިޒާތުގެ ވާހަކަތަކުގެ ތެރެއިން ނަންގަނެވޭ އެހެން ވާހަކައެކެވެ. ދަރިފުޅު ބަލިވެގެން އިންޑިޔާ މީހަކު ހޮސްޕިޓަލަށް ދިޔައެވެ. ކުއްޖާ ބައްލަވާފައި ޑޮކްޓަރު ވިދާޅުވީ ބައްޔަކީ ކެންސަރު ކަމަށެވެ. އަދި އެކުއްޖާއަކީ ދެން މަދު ދުވަސްކޮޅެއްގެ މެހުމާނެއް ކަމަށެވެ. ޑޮކްޓަރުން އުންމީދު ކަނޑާލުމުން ދެން އޭނާ، ދަރިފުޅު ގޮވައިގެން ދިޔައީ ވަލީވެރީންގެ ދަރަޖަ ލިބިފައިވާ ކަމަށް އިންޑިޔާގެ ގިނަ ބަޔަކު ބަލާ ސަތިޔަ ސައިބާބާ ގާތަށެވެ. ސައިބާބާ ކުރި ކަމަކީ ހަމަ އެކަނި އެ ކުޑަ ކުއްޖާގެ ބޮލުގައި އަތް ބީއްސާލީއެވެ. ދެން ބުނި ކަމަށް ވަނީ މިހާރަކު ބަލީގެ އެއްވެސް އަސަރެއް ނުހުންނާނޭ ކަމަށެވެ. ދެން އޭނާ އެއްކަލަ ކުރީގެ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރުންނަށް ދެއްކިއެވެ. ޓެސްޓުތަކުގެ ނަތީޖާއަށް ބަލާފައި ޑޮކްޓަރުން ވެސް ހައިރާންވި އެވެ. އެކުއްޖާގެ ކިބައިގައި ބަލީގެ އެއްވެސް އަސަރެއް ނެތެވެ. އެހިސާބުން އެމީހާ ސައިބާބާގެ މައްޗަށް ގޮސް ހުސްވިއެވެ. އަދި ސައިބަބާއަކީ ކަލާނގެ ކަމަށް ބުނާން ފެށިއެވެ. އޭނާގެ ރަހުމަތްތެރީން އޭނާގެ ގާތުގައި ސައިބާބާއަކީ ކަލާނގެ ނޫން ކަމަށާއި ސައިބާބާ ދުވަހަކު ވެސް އޭނާއަކީ ކަލާނގެ ކަމަށް ދައުވާ ނުކުރާ ކަމަށް ބުނުމުން އޭނާ ދިން ޖަވާބަކީ ކޮންމެ ފަދަ ހެތްކެއް ދެއްކިއަސް ބަދަލުނުވާނެ ފަދަ ޖަވާބެކެވެ. އޭނަގެ ޖަވާބަކީ، ސައިބާބާ އަމިއްލައަށް އައިސް ތިމަންނާއަކީ ކަލާނގެއެއް ނޫނޭ ބުންޏަސް އެއީ ކަލާނގެ ނޫން ކަމަށް ތިމަންނަ ގަބޫލެއް ނުކުރާނެ ކަމަށެވެ.

ސަތިޔަ ސައިބާބާ އަކީ އިންޑިޔާގެ އަންދްރަޕްރަދޭޝްއަށް އުފަން ޕީރެކެވެ. ޕީރުންނަކީ ވަލީވެރީންގެ ދަރަޖަ ލިބިފައިވާ ބައެއްގެ ގޮތުގައި ބެލެވިފައި ތިބޭ ބައެކެވެ. މީނާއަކީ ކުރިން ހުރި ސައިބާބާ ނުވަތަ ޝިރްޑީ ސައިބާބާގެ އާތަމާލައެއް (ރީއިންކާނޭޝަންއެއް) ކަމަށް ދައުވާކުރި މީހެކެވެ. ހިންދޫންނާއި ސޫފީ މުސްލިމުންގެ މެދުގައި ވެސް ޝިރްޑީ ސައިބާބާ މަގުބޫލެވެ. ޝިރްޑީ ސައިބާބާގެ އެންމެ މަޝްހޫރު ދެ ޖުމްލައަކީ "ސަބް ކާ މާލިކް އޭކް" (ހުރިހާ އެއްޗެއްގެ ވެރި ފަރާތަކީ އެކެއް) އަދި "ﷲ މާލިކް" (ހުރިހައި ކަމެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށް) މިއެވެ. ސައިބާބާ ދުވަހަކު ވެސް ކަލާނގެއެއް ކަމަކަށް ދައުވާއެއް ނުކުރެއެވެ. އެހެން ނަމަވެސް އޭނާއަށް ތަބާވާ ބައެއް މީހުން ދެކޭ ގޮތުގައި ސައިބާބާއަކީ ކަލާނގެވަންތަކަމުގެ ސިފަތައް ހުރި މީހެކެވެ. އަދި މީގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތުގައި އެއީ ހަމަ ކަލާނގެއެވެ. ޚުދު ސައިބާބާ، ތިމަންނަ މިއީ ކަލާނގެ ނޫންކަމަށް ބުންޏަސް އެމީހުން ދެކޭ ގޮތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހެއްވާކަމަކީ މިއީއެވެ.

މިހުންނަނީ ދިމާއަށް ހުންނަ ހަގީގަތްތައް ދޮގުކޮށް އިންކާރުކޮށް ބައެއް މީހުން ކަންކަން ފުރޮޅައިލާ ގޮތެވެ. ހަގީގަތް ގަބޫލު ނުކުރުމަކީ ދެރަވަރުގެ ކަމަކަށްވުރެ ތިމާގެ ފިކުރުވެތި ކަމެއް ނެތް ކަމާއި ޖާހިލުކަން ދައްކައިދޭ ކަމެކެވެ.

ރާއްޖޭގެ ސިޔާސީ ދަނޑުގައި އެމްޑީޕީއަށް ތާއީދުކޮށްގެން ތިބި ގިނަ ބައެއްގެ ގަބޫލު ކުރުމާއި ވިސްނުމަށް ބަލާއިރު އެމީހުން ވެސް ތިބީ މިހާލަތުގައި ކަމަށް އަޅުގަނޑުގެ ހިތަށް ވަދެ އެވެ. އެމްޑީޕީގެ ގިނަ ބަޔަކު މުގުރުޖަހާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް އެމީހުން ތިބެނީ ރައީސް ނަޝީދު ވިދާޅުވާ ގޮތް ނޫން އެހެން އެއްވެސް ހަމައެއް ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. އަމަލާ ބަހުން އެކަން "ހަތެއް ފެބްރުއަރީ" ހާ ސާފެ ވެ. އަދި މިހާރު އެމީހުން އެތިބީ އެއީ ބަޣާވާތެއް ނޫން ކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް ވިދާޅުވިޔަސް ގަބޫލުނުކުރާ ހިސާބަށް އެކަން ކަށަވަރުކޮށްގެންނެވެ.

ވެރިިކަން ބަދަލުވުމަށް ފަހު ސީމެގްގެ ތިން ވަޒީރަކު ރާއްޖެ ވަޑައިގެން ހޯއްދެވި ހޯއްދެވުންތަކަށް ފަހު ރައީސް ނަޝީދާ ބައްދަލު ކުރައްވައި، ވެރިކަން ބަދަލުވީ ބަޣާވަތަކުން ނޫން ކަމަށް ވިދާޅުވި ކަމަށް ރައީސް ނަޝީދު އެބަ ވިދާޅުވެ އެވެ. ވަޒީރުން އެހެން ވިދާޅުވުމުން އެވާހަކަ ނުދެއްކެވުމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ. އެހެން ނޫނީ އިދިކޮޅު ޕާޓީ (އެމްޑީޕީ) މީހުން ދާން ޖެހޭނީ ޖަލަށް ކަމަށް ނަޝީދު ވިދާޅުވާ އަޑު އޯޑިއޯއަކުން އިވެއެވެ. ފަހުން ރައީސް ނަޝީދު ވިދާޅުވަނީ އެއީ ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް އެ އޯޑިއޯގައި އެހެން ވިދާޅުވެ އެވެ. މީގެ ކުރިން ނުކުތް އޯޑިއޯއެއްގައި ފުލުހުންނަށް އަނިޔާ ކުރުމަށް ރައީސް ނަޝީދު ހިތްވަރު ދެއްވާ އަޑު ވެސް އިވެ އެވެ. އަދި އެމްޑީޕީގެ ބައިލައްކައާ ގާތްކުރާ މެންބަރުންގެ ތެރެއިން ހަމައެކަނި އިހުލާސްތެރި މީހަކީ މާރިޔާ އަހުމަދުދީ ކަމަށް ވިދާޅުވާ އޯޑިއޯއެއްވެސް އެބަ އުޅެ އެވެ. ފުލުހުންނަށް އަނިޔާކޮށް ތަޅައި ރޯނާ ގަންނަވައިލާން ގޮވާލުމަކީ ތަހުޒީބު ވެފައިވާ ބައެއްގެ ތެރޭގައި އޮންނާނެ ކަމެއް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އަނެއްކޮޅުން އެމްޑީޕީގެ ބައިލައްކަ މެންބަރުންގެ ތެރެއިން އިހުލާސްތެރީ އެންމެ މީހެއް ކަމަށް ވިދާޅުވުމަކީ ރައީސް ނަޝީދު ކޮންމެ އެއްޗެއް ވިދާޅުވިޔަސް އެގޮތަކާ ރުހޭ މެންބަރުގެ މޫނުގައި ތަފާލެއް އަޅައިލުމެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ޕާޓީއެއްގެ އިސް ލީޑަރަކު ވިދާޅުވާނެ އެންމެ ދެރަވަރުގެ އެއްވާހަކަ އެވެ.

އެކަމަކު އެމްޑީޕީއަށް ތާއީދު ކުރާ މީހެއްގެ ގާތުގައި މި ދެންނެވި އޯޑިއޯތަކުގެ ވާހަކަ އަހައިބަލާށެވެ. ފަރިތަަކަމާއެކު ޒުވާބު ދޭނެ އެވެ. ހުރިހާ ވާހަކައެއް ޖަމްއުކޮށްފައި ބުނާނީ އޯޑިއޯތައް އެހެން ހުރިކަމުގައިވީނަމަހީވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށެވެ. އަހަރެމެންގެ އިސް ލީޑަރު ވިދާޅުވަނީ އެއީ ބަޣާވާތެކޭ ކަމަށެވެ. އެމީހުން ވާދަ ކިޔާނީ އިހު ނަންގަނެވިޔަ ދެ މިސާލުގައިވާ ބީދައަށެވެ. ބުނާނެ އެވެ: ރައީސް ނަޝީދު ވަޑައިގެން މޭދު (މޭދަކީ ޕޯޑިއަމެވެ) ގައި އަތް ޖައްސާވާފައި އެއީ ބަޣާވާތެއް ނޫނޭ ވިދާޅުވިޔަސް ހަމަހިލާ ތިމަންބައިމީހުން އެވާހަކަ ގަބޫލެއް ނުކުރާނޫއޭ އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީގެ މޭދުގައި ސައިބާބާގެ ވާހަކަ ފަށްފަށް ކުރަމުން ދިޔަ އެވެ. ރައީސް މައުމޫން އަތްޕުޅު އުފުއްލަވައިގެން ހުންނަވާ ފޮޓޯފުޅަކާއި ސައިބާބާ އަތް އުފުލައިގެން ހުންނަ ފޮޓޯއަކާ ދެ ފޮޓޯ އެއް ކަރަދާހަށް (މުންޑޫ ބަހުން) ޗާޕުޖަހައިގެން ފާރުފާރުގައި ހިއްޕައި އުޅުނެވެ. އަޅުގަނޑަށް ސައިބާބާ ދަސްވީ އެ ދުވަސްވަރުއެވެ. އެކަމަކު ސައިބާބާއަށް ތަބާވާ މީހުން ކަހަލަ ކަލްޓު ބައިގަނޑެއް އުޅެނީ ކޮން ބައެއްގެ ތެރޭގައިކަން މިހާރުގެ ބޮޑުމަންޒަރުން އެބަ ފެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް