ހުރިހައި ކަމެއް ވެސް މަގޭ ވެރިކަމުގައި

ފުރާވަރުވެގެން އައި އިރު އަޅުގަނޑުގެ ހަގަށް އައްޔަކާއި ފާތިންއަކާއި އައިޝާއެއް ތިބެއެވެ. މިއީ ކުޑަކުޑަ ކުދީނެވެ. މި ކުދީން ދުވަހު ދަސް ކީމައި ބިންމަތީގައި ގޮޅިތަކަކަށްވާ ގޮތަށް ރޮނގުތަކެއް ދަމައިގެން ޒާތެއް ކުޅިވަރެއް ކުޅޭނެ ހުއްދައެއް ދީފައި އޮވެ އެވެ. އެކުދީންގެ ބަހުން ވިއްޔާ އެއީ ކޮންޓަންގެޔޯލަ އެވެ. އަތުގައި އޮންނަ ފޯލި އެއްލައިފައި ޖެހިގެން އޮންނަ ގޮޅިމަތިން ފުންމައިފައި އަނެއް ގޮޅިއަށްދާނީ އެވެ. ފޯލި އޮންނަ ގޮޅިއަށް އެރޭން ދެނެވެ. ޒާތެއްގެ ގޮޅި ކުޅުމެކެވެ. އަޅުގަނޑު ވެސް އެ ކުދިންނާ ހަނގާ ކުރާށާއެކު ކުޅިވަރުގައި ބައިވެރިވަމެވެ. އެ ކުދީންނަށް ގޮޅިޔަށް ނޭރި ނުބައި ވެއްޖެއްޔާ ކުޅުމުގައި އަޅުގަނޑަށް ފުރުސަތު ދެއެވެ. އެކަމަކު ގޮޅި މަތީން ފުމުމުގައި އަޅުގަނޑުގެ ޅޮސްކަމުން ކޮންމެ ފަހަރަކުމެ ނުބައިވަނީ އެވެ. އަޅުގަނޑު ނުބައިވީމާ އަޅުގަނޑަކަށް ކަމަކު ނުދެ އެވެ. އަޅުގަނޑު ބުނަނީ އަލުން ފަށާނީދޯ އެވެ! ދުވަހަކު ވެސް އެކުދީން ކުޅޭނެ ފުރަސަތެއް ނުދެމެވެ. ކުޅޭން ނުލިބިގެން އެކުދީން ދެ ފައިތަޅައިފައި ރޯނީ އެވެ. މިހެން ކަންތައްވާން ފެށުމުން މަންމަ އައިސް ބުނާނެ އެވެ. ކުދީން ކުޅޭއިރު ޑޭވީ ހެދިގެން ނޫޅެ ހިތުދަސްވޭތޯ އައްތަހިއްޔާތާ ހިފާން ދާން އުޅެހެރެވެ.

ވިސްނައިވަޑައިގެން ބައްލަވާށެވެ. މިހާރު މިވަނީ ކިހިނަކުންތޯ އެވެ؟ އަޅުގަނޑުމެން ގެނައީ ގޮޅި ކުޅުމުގެ ޑިމޮކްރަސީއެއްތޯ އެވެ؟ އެހެނީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވާއިރުގައި ނޫނީ ރާއްޖޭގައި އިގްތިސޯދެއް އޮވެގެންވާކަށް ނޯވެ އެވެ. ވެރިކަމުގައި އެމަނިކުފާނު ނެތީ ވިއްޔާ އެވީ އިގްތިސޯދު ވައްޓައިލައި އިނދައްޖައްސައިލާށެވެ. ޓޫރިޒަމް ވެސް އޮންނާންވީ ސަންދާނުގައި އެމަނިކުފާނު އިންނަވާ ނަމަ އެވެ. އެހެނޫނީ ދުނިޔެ ލެއްވިހާ މީހަކާ ބައިވެރިވެގެން ބޮއިކޮޓް ކުރާން ގޮވައިލާންވީ އެވެ. އެމަނިކުފާނު ހުންނެވިއްޔާ އިރުހާބީންނަކަށް އެއް ވެސް ފުރުސަތެއް ނެތެވެ. އެފަދަ މީހުނެއް ނޫޅޭނެ އެވެ. އެކަމަކު އެމަނިކުފާނު ނެތީ ވިއްޔާ ރާއްޖޭގައި ތިބޭނީ ހުސް އިރުހާބީންނެވެ. ރާއްޖެ އޮންނާނީ އަބަދު ވެސް އިރުހާބީ ހަމަލާއެއްގެ ތުންފަތްމަތީގަ އެވެ. އެމަނިކުފާނާ އެކު ކޯލިޝަން ހަދައިގެން އަދާލަތު ޕާޓީ އޮންނަ އިރު، އެ ޕާޓީއަކީ "މޮޑަރޭޓް" ޝައިޚުންގެ ޕާޓީއެކެވެ. އެމަނިކުފާނު ނޫން ބަޔަކާ ކޯލިޝަން ހެދި ހިސާބުން އަދާލަތު ޕާޓީގެ އިލްމުވެރީން ވެފައި ވަނީ ހަރުކަށި ދީނީ ޚިޔާލުގެ ބައިގަނޑަކަށެވެ.

އެމަނިކުފާނާއި އެމްޑީޕީގެ ފަރާތުން ކޯޓްތަކަށް މައްސަލަ ވައްދާންވީމާ ކޯޓްތައް ވެސް އަދި ޝަރުއީ ނިޒާމު ވެސް އެންމެ ރަނގަޅެވެ. އެމަނިކުފާނަށާއި އެމްޑީޕީ އަށް ފައިދާވާ ގޮތަށް ކޯޓަކުން އަމުރެއް ނެރެފިއްޔާ އެ އަމުރެއް ނެރުއްވި ފަނޑިޔާރެއްގެ ބުރަކަށި ލޮނުވެލީން މޮޑެދީފައި ހޫނު ބޮނޑިބަތާއި ކުޅި މަހުގެ ފަރިވަޅުތަކާއި ތަފާތު ރަހަފަތްތަކަށް ތައްޔާރުކޮށްފައިވާ ކާނާގެ ސުފުރާތަކުން ވެދުން ކުރާނެ އެވެ. އެކަމަކު އެމަނިކުފާނު ނުވަތަ އެމްޑީޕީއާ ދެކޮޅަށް ޝަރިޔަތެއް ހިންގަންޏާ ފަނޑިޔާރުގެތައް ކަމަކު ނުދެއެވެ. އިންސާފެއް ނުލިބެ އެވެ. މައްސަލަ ބަލާ ފަނޑިޔާރަކީ ހަތަރުވަނަ ކިލާހުގެ ފެންވަރު ވެސް ނެތް ޖާހިލަކަށް އޮންނަނީ ވެފަ އެވެ.

ޖިނާއީ ދައުވާއެއްގައި ކޯޓަށް އެނގުމަކާއި ނުލައި ރަށުން ބޭރަށް ދިއުމަކީ ގަވައިދުގައި އެންމެންނަށް ހަމަހަމަކޮށް އޮންނަ ކަމެކެވެ. އެކަމަކު އެމަނިކުފާނު އެ އުސޫލަށް ތަބާވެވަޑައިގަންނަވާން ވީމާ އެއީ ރަށުގައި ބަންދު ކުރުމެވެ. ކޯޓަކާއި ކޯޓެއް ކިޔާފައި އެމަނިކުފާނު އުފުލައިގެން މަތީރަށްފުޅަށް ވެސް ގެންދާންވީ އެވެ. އެމަނިކުފާނު ރައީސް ކަމުގައި ހުންނަވައިގެން ގާޒީ އަކު ހައްޔަރު ކުރީމާ އެއީ ގައުމީ މަސްލަހަތާއި އިސްތިގުލާލެވެ. އެމަނިކުފާނު ވެރިޔައަކަށް ހުންނަވައިގެން ކުރައްވާ ކުށަކާ ގުޅިގެން ދައުވާ ކުރީމާ އެއީ ސިޔާސީ ވަނީ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދައުވާ ކުރީމާ، އެއީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. އެއީ ޕީޖީގެ ކަމެކެވެ. އެމަނިކުފާނު ވެރިކަމުގައި ނެތީސް ޕީޖީ ދައުވާއެއް ކުރައްވައިފި ނަމަ އެއީ ސަރުކާރުން ރާވައިގެން ކުރާ ދައުވާއެކެވެ.

އެމަނިކުފާނު ބުދު ބެހެއްޓިޔަސް އެއީ ބުދެއް ނޫނެވެ. އެއީ މޮނިއުމެންޓޯލަ އެވެ. އެމަނިކުފާނު ވައުދެއް ވެވަޑައިގަތަސް އެއީ ފަލްސާފާއެކެވެ. އެމަނިކުފާނު ދީނީ ހުކުމަކަށް ގޮންޖެއްސެވިއަސް އެއީ އަދި ލަފުޒުތަކުގެ ބޭރުފުށުން އޮންނަ ހާމަ މާނަ ނޫން އެހެން މާނައެއްގައި ދައްކަވާ މާ މަތިވެރި ވާހަކަފުޅެކެވެ. މީހަކު އެއްޗެއް ބުނާއިރަށް ތެދުވެވަޑައިގެން މީއީ ފްލެޓް ދޮންބެއޭ ވިދާޅުވެފައި މޭގައި އަތްޖެއްސެވީމާ އެއީ ގަޓެވެ. އެހެން މީހެއްތަ، އެއީ ކަޓު އަމަލެކެވެ. އެހެން މީހަކު މާކަނާގަނޑެއް ހިފިޔަސް އެއީ ދޫނި ސޫފާސޫތްޕާއި ޖަނަވާރުގެ ހައްގުތަކަށް އަރައިގަތީ އެވެ. ދިވެހިން ދުވަހަކު ކައިރި ވެސް ނުވާ އަދި އިލްމީ ގޮތުން ދޫނީގެ އާއިލާގައި ހިމެނުނަސް ދިވެހީން ދޫންޏެއް ކަމަށް ވެސް ނުބަލާ ކާޅުތައް ހިފައި ކޮށިކޮށީގައި ހައްޔަރުކޮށްގެން ގެންގުޅުއްވުމަކީ އެމަނިކުފާނު އެސޮރުމެނަށް ހޭހަން ކުރެއްވުމެވެ.

އެހެން ސިޔާސީން މަޝްވަރާއަށް ގޮވައިލެއްވީމާ އެއީ ދެއުޅިއެއް ނުވާ ކަމެކެވެ. އަދިކިއެއްތަ އެއީ ލީޑަރުންނެއް ވެސް ނޫނެވެ. އެކަމަކު އެމަނިކުފާނަށް ކަމާއި ދަމާ ބޮޑުވީމާ އަވަހަށް މަޝްވަރާ ފަށާންވީ އެވެ. އެމަނިކުފާނުގެ މަސްލަހަތާ ގުޅޭ ކަމެއް ނަމަ ރައްޔިތުންގެ މަޖިލީހުގައި ކުނާ އަޅައި އެތަނުގައި ނިދާންވީ އެވެ. އެމަނިކުފާނަށް ހުޝާމަދު ކުރައްވައި، އެއީ ކާމިޔާބުގައި ހިތް ތިރިކުރައްވާ ރައީސޭ ވިދާޅުވެއްޖެތަ، އެމީހަކީ އަރައިގެން އަންނަ ލީޑަރެކެވެ. އެމަނިކުފާނަށް ފާޑެއް ކިޔައިފިތަ އެމީހަކު ސަޓައިން ބޭރު ކުރާންވީ އެވެ.

އެހެން މީހަކު ސިޔާސީ މޭދެއްގައި ދިވެހީން ބާޒާރު މަތީ ބަހުރުވައޭ ކިޔާ ބަހުރުވައި އެންމެ ޖުމުލައެއް ބުންޏަސް އެކަމާ އެތައް ވާހަކައެއް ދައްކާނެ އެވެ. މުޖުތަމައުގެ ދުރޫސުލްއަޚްލާޤާ ހިލާފު ވަނީއޭ ބުނާނެ އެވެ. އެކަމަކު އެމަނިކުފާނުމެން މޭދުގައި އަތްޖައްސަވައި އަވަގުރާނައެއް ގޮވިޔަސް އެ ވަނީ ރައީސް މައުމޫނުގެ ދައުރުގައި ހައްޔަރުކޮށްފައި އޮތް ދިވެހި ބަސް ބަންދުން ދޫކޮށްލީ ކަމަށެވެ.

ތިޔަ ބޭފުޅުން ވިސްނާ ވަޑައިގެން ބައްލަވާށެވެ! އެމަނިކުފާނުގެ އުސޫލުގައި އެހެން ބަޔަކު ކުރާ އެއްވެސް ރަނގަޅު ކަމެއް އޮވޭ ހެއްޔެވެ؟ އަބަދުވެސް އޮންނަނީ އަޅުގަނޑުމެންގެ ގޮޅި ކުޅުމުގައި ނުބައިވީމާ އޮންނަ އަލުން ފެށުމުގެ ހަމައެވެ. ތިޔަބޭފުޅުން ހޯއްދަވާށެވެ! ރަނގަޅަށް ބައްލަވާށެވެ! މިނޫން ގޮތަކަށް ކަންކަން ކުރައްވައިފައެއް ނޯންނާނެ އެވެ. އަބަދުވެސް އެމަނިކުފާނަށް ނުބައި ގޮޅިއަށް އަރައިވަޑައިގެންނެވިއްޖެތަ، އެވީ އަލުން ފަށާށެވެ. އެހެން މީހުންނަށް ގޮޅިއަށް ނޭރިއްޖެ ނަމަ އެއީ ނުބައިވީ އެވެ. ކުޑަކުދީންނަށް އަޅުގަނޑުމެން ހަދައިގެން ޑޭވީ ހެއްދެވުން ނޫން ކަމެއް ނުކުރައްވަ އެވެ.

ޑޭވީ ހެދުމަކީ ކޮބައިތޯ އެވެ؟ ޑޭވީ ހެދުމޭ ބުނަނީ ހިމާޔަތޭ ކިޔައިހެން އިނގިރޭސީން ރާއްޖެ ފިއްތައިފައި އޮތް އިރު ރާއްޖޭގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރު އާތިންޓަން ޑޭވީ އަޑީގައި ހުންނަވައިގެން ރާއްޖޭގެ ކަންކަން ފާލުން ނައްޓުވައިލައި ކަންކަން ފަނިކުރާން ހިންގި ހަރަކާތްތަކުން މިސާލު ނަގައިގެނެވެ. ރާއްޖޭގެ ކަންތައް ބޮއްސުން ދުއްވައިލާން އުޅޭ ކޮންމެ މީހަކީ ޑޭވީއެކެވެ. އެމީހަކު އެ އުޅެނީ ޑޭވީ ހެދިގެނެވެ. އަޅުގަނޑަށް ފެންނަނީ ރައީސް ނަޝީދު ޑޭވީ ހެއްދެވިގެން ރާއްޖޭގެ ކަންކަން ފަސާދަކުރާން އުޅުއްވާތީ އެވެ.

މިކަލަކަށް އައިސް އަޅުގަނޑާ ދިމާއަށް މީހުން ބުނެއެވެ. މުންޑޫ މާލިމީގެ އާދަމް ހަލީމަށް ރައީސް ނަޝީދުގެ ކިބައިން ރަނގަޅު ކަމެއް ނުފެންނާނެ އެވެ. ނޫނެކެވެ. އެއީ ބުހުތާނެވެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ކަމެއް އޮވެއެވެ. މިރަށުގެ ސިޔާސީން އެކި ސިފަ ސިފައިގައި އެކި ދުވަހު އެކި ކޯރި އަޅުއްވާއިރު ވެސް އެމަނިކުފާނުގެ ކިބައިގައި ބަދަލު ނުވާ ކަމެއް އޮވެ އެވެ. އެއީ ދުވަހަކު ވެސް ހަމަ އެއްވެސް ކަމެއްގައި އެމަނިކުފާނަށް ރައީސް މައުމޫނު ރަނގަޅު ނުވެ އޮންނަ އޮތުމެވެ. އަބަދުވެސް އެގޮތުގައި ސާބިތުވެ ހުންނަވަ އެވެ. އެކަމުގައި އެމަނިކުފާނަށް އޮތީ ސާބަހެވެ. އެކަމަކު ނަލަޔަށް ދުވާން އޮތް ގައުމެއްގެ ހުންގާނު މޮހެލައި ހަފޮޅު ބިންދައިލީމާ ޑޭވީ ހެއްދެވިގެން ނޫޅުއްވާށޭ ދެންނެވިދާނެ ނޫންތޯ އެވެ؟ ކޮންމެވެސް އެހެން ކަމަކު ހިއްޕަވާން ވަޑައިގަންނަވާށޭ ދެންނެވިދާނެ ނޫންތޯ އެވެ؟ މިހާރު އަޅުގަނޑަށް މިހުރެވުނީ ކޮއްކޮމެނާ އެކު ކުޅުނު ކޮއްޓަންގޭގެ ނުބައި ގޮޅިއަށް އެރިފަ އެވެ. އަޅުގަނޑު ހައި ނުބައި މީހެއް ދެން ނުހުންނާނެ އެވެ. ކޮންމެއަކަސް އަދި ކަންކަން ގެންދަވާ އުސޫލަށް ބަލާއިރު ބުނެވޭނީ މިހެންނެވެ. ގައުމު ވެސް އޮންނާންވީ، އިގްތިސާދު ވެސް އޮންނާން ވީ އެމަނިކުފާނު ވެރިކަމުގައި ހުންނަވާއިރު އެވެ. އެހެން ނޫނިއްޔާ ގައުމެއް ވެސް އިގްތިސާދެއް ވެސް އޮވެގެންނެއް ނުވާނެ އެވެ. މަށާއެކު ގައުމު ވެސް ޖެހޭނީ ކަފުން ކުރާށެވެ. ހުރިހައި ކަމެއް ވެސް މަގޭ ވެރިކަމުގައޭ އެމަނިކުފާނު ވިދާޅުވާ ކަހަލައެވެ.

ކުޑަރަދީފު
______

* ހަނގާކުރުން މ. އުނދަގޫކުރުން.
* ހަފޮޅު ނ. އޮޑިދޯނިފަހަރުގެ އިންނަފަތްތަކުގެ މަތީން ގަދަކުރާން އަޅާ ވަކަރު ވޮށްޓެއް.
* ރަހަފަތް ނ. ކާއެއްޗެއް ތައްޔާރު ކުރާނެ ގޮތުގެ އިރުޝާދު.
* އިރުހާބީން ނ. އާދަޔާ ޚިލާފަށް ބިރުވެރިކަން ފަތުރާ މީހުން. (ޓެރަރިސްޓުން)
* ސަޓައިން ބޭރު ނ. ޖަމާޢަތުން ބޭރު.
ގުޅޭ ޓެގު
comment ކޮމެންޓް